އދ. މާމިގިލި ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއު މި އަހަރު ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އދ. މާމިގިލި ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ މާމިގިލި ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއު މި އަހަރު ފައްޓަވާނެކަމަށާއި އަދި މާމިގިލީ ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަންވެސް، ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރިއަށްގެންދަވާނެކަމަށެވެ.
އެއަތޮޅު ދަނގެތި ކައުންސިލްގެ އިދާރާގައި މިރޭ ރޭ ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންތައްތައް ރައީސް މުއިއްޒާ ހިއްސާކުރައްވާފަ އެވެ.
އެގޮތުން ހޮސްޕިޓާ ތަރައްގީކޮށްދެއްވުމަށާއި ބަނދަރާއި މަގު ހެދުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދުނެވެ. މީގެ އިތުރުންވެސް ރަށުގެ ޕޮލިސް ސްޓޭޝަން ހިންގުމަށް އިމާރާތެއް ބޭނުންވާކަން ވެސް ކައުންސިލުން ފާހަގަކުރި އެވެ.
މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިން ވަނީ އެބޭފުޅުންނަށް އެލަވެންސް ދިނުމާއި އެކަންކަމާގުޅޭ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާމިގިލީގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބޭނުންވާކަންކަން ކޮށްދެއްވާނެކަން ފާހަގަކުރައްވައި، އެކަންކަން ކުރިއަށްގެންދިއުމަށް ކުރައްވާނެ ކަންކަމުގެ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވިކަންކަން ކުރިއަށްގެންދާނެކަމުގައި ވިދާޅުވެފަ އެވެ.