އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ގައުމުގެ މީޑިއާއާ ވާހަކަ ދައްކަވަމުން ވިދާޅުވިގޮތުގައި އިޒްރޭލުން އަންނަނީ މެދު އިރުމަތީގެ މޫނުމަތި ބަދަލުކުރަމުންނެވެ. ނަތަންޔާހޫގެ މިވާހަކަ ބިނާކުރީ ސީރިޔާގެ ވެރިކަމުން ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމަކީ އިޒްރޭލަށް ލިބުނު ކާމިޔާބެއް ކަމަށް ދޭހަވާ މޭރުމަކުންނެވެ. ނަތަންޔާހޫގެ ވާހަކާގައި އިތުރަށް ވިދާޅުވީ އިޒްރޭލުން އަންނަނީ އެގައުމުގެ ދުޝްމަނުން ވަކިވަކިން ފަހަރަކު ބަޔަކު ބަލިކުރަމުން ކަމަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރުގެ އެ ވާހަކައަކީ އެގައުމުން މެދުއިރުމަތީގެ ގައުމުތަކަށް ޚާއްސަކޮށް އިޒްރޭލާ ބޯޑަރު ހިއްސާކުރާ ގައުމުތަކާ މެދު އަމަލުކުރަމުން އަންނަ ގޮތުގެ ވާހަކަ އެވެ. މިއަދުގެ ހާލަތަށް ބަލާއިރު ފަލަސްތީނުގެ އެއްބައި، ޣާޒާ އެވަނީ އަލުން ބަޔަކު އާބާދުވެ، ދިރިނޫޅެވޭވަރު ކޮށްފަ އެވެ. އީރާނުން މަދަދު ލިބޭ ލުބުނާންގެ ހިޒުބުﷲގެ ބާރު އެވަނީ ކަނޑުވާލާފަ އެވެ. ސީރިޔާގެ ސަރުކާރު މިވަނީ ވައްޓާލާފަ އެވެ.
ނަތަންޔާހޫ ގަބޫލުކުރާ ގޮތުގައި ބައްޝާރުލް އަސަދުގެ ސަރުކާރު ވެއްޓުނީ އިޒްރޭލުން ދިން ހަމަލަތަކުގެ ސަބަބުންނެވެ. ފަހަކަށް އައިސް އިޒްރޭލުން ގެންދިޔައީ ސީރިއާގެ މިލިޓަރީ ފެސިލިޓީތަކަށް ހަމަލާދެމުންނެވެ. ޚާއްސަކޮށް އެ ގައުމުގައި ގާއިމުވެ ތިބި، އީރާނުގެ ތަޖުރިބާކާރުންނާއި ހަނގުރާމައިގެ ވަސީލަތްތަކަށް ގެންދިޔައީ ހަމަލާދެމުންނެވެ. ނަތީޖާއެއްގެ ގޮތުން ބައްޝާރުގެ ސަރުކާރު ވައްޓާލަން ހަނގުރާމަ ކުރަމުން ދިޔަ ޖަމާއަތްތަކަށް އެއްވެސް ދަތިކަމެއް ނެތި މުޅި ގައުމު އެމީހުންގެ ކޮންޓްރޯލުގެ ދަށަށް ގެނެވުނެވެ.
މެދުއިރުމަތީގެ ގައުމުތަކަކީ ފުރަތަމަ ބޮޑު ހަނގުރާމަ ނިމުނުއިރު ބަލިވި އުސްމާނީ ޚިލާފަތުގެ ބިންތައް އިނގިރޭސިންނާއި ފަރަންސޭސިންގެ ބާރުގެ ދަށަށް ގެން ދިއުމަށްފަހު އެ ދެގައުމުގެ ބެލެނިވެރިކަމުގެ ދަށުން އުފަންކުރި ގައިމުތަކެކެވެ. އޭގެ ތެރޭގައި ސީރިޔާއާއި ލުބުނާނާއި ޖޯޑަން އާއި އިޒްރޭލް ހިމެނެ އެވެ. ސީރިޔާއަށް މިނިވަންކަން ލިބުނީ ނުވަތަ ސީރިޔާ ވަކި ގައުމެއްގެ ގޮތުގައި އުފަންވީ 1945 ގަ އެވެ. އިޒްރޭލް އުފަންވީ އޭގެ 3 އަހަރު ފަހުންނެވެ. އިޒްރޭލަކީ އޭރު ފަލަސްތީނުގެ ނަމުގައި ވަކި ދައުލަތެއް އުފެއްދުމަށް އިނގިރޭސިންގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް ބިމެކެވެ. އެހެން ނަމަވެސް ފަލަސްތީން އުފެއްދުމުގެ ކަންތައް ފުރިހަމަކުރުމެއް ނެތި އިޒްރޭލަށް ބިން ދޫކޮށްލާފައި އިނގިރޭސިން އެބިމުން ފޭބުމުގެ ނަތީޖާއެއްގެ ގޮތުން އުފެދުނު އިޒްރޭލްވެފައި ވަނީ މެދު އިރުމަތީގައި ހުޅަނގުގެ މަސްލަހަތު ހިމާޔަތް ކުރުމަށް އުފަން ކުރި ގައުމެއް ކަމަށެވެ.
ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު ފަލަސްތީނު އުފެއްދުމަށް އިނގިރޭސިން ހަވާލުވެފައި އޮތް ބިން ދެބައިކޮށް އިޒްރޭލާއި ފަލަސްތީން އުފެއްދުމުގެ ގަރާރު އދ. ން ފާސްކުރުމާ އެކު އުފެދުނު ހަމަނުޖެހުންތަކަށް ފަހު އިޒްރޭލުން މިނިވަން އިއުލާން ކުރި އެވެ. އެއާއެކު އަރަބި ގައުމުތަކުން އިޒްރޭލަށް ހަމަލާދީ ފެށި ހަނގުރާމަ ނިމުނީ ހުޅަނގުގެ ގައުމުތަކުގެ އެއްބާރުލުމާއެކު އިޒްރޭލް ގަދަވެގެންނެވެ. އދ. ފަލަސްތީނު އުފެއްދުމަށް ކަނޑައަޅާފައި އޮތް ބިމުގެ ބޮޑުބަޔަކާއި ސީރިޔާގެ ގޯލާންގެ އުސްބިންތަކާއި މިސްރުގެ ސައިނާއީން ބޮޑު ބައެއް ހިފައިގެން ނިމުނު ހަނގުރާމައަށް ފަހު އިޒްރޭލުން އަންނަނީ ހަނގުރާމައިގައި ހިފި ފަލަސްތީނުގެ ބިންތަކުގައި ގެދޮރު ބިނާކޮށް ޔަހޫދީން އާބާދުކުރަމުންނެވެ.
އިޒްރޭލް އުފެދުމަށްފަހު އެގައުމުން ހިންގަމުން އައި އުދުވާނަށް ދެކޮޅުހަދައި ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދޭ ކޮންމެ ގައުމެއް ނައްތާލުމަކީ އިޒްރޭލުން ކުރަން ބޭނުންވެފައި އޮތްކަމެއް ކަމަށް އެ ގައުމުގެ އަމަލުތަކުން އައީ ދޭހަވަމުންނެވެ. ފާޅުގައި އިޒްރޭލާ ދެކޮޅު ހަދަމުން އައި އެގައުމުގެ އަވަށްޓެރި ގައުމުތަކަކީ ލީބިޔާއާއި އިރާގާއި ސީރިޔާ އާއި އީރާނެވެ. އޭގެ ތެރެއިން އިރާގާއި ލީބިޔާގެ ވެރިކަން ބަދަލުކުރުމުގެ ނަމުގައި އެމެރިކާއާއި ހުޅަނގުން ގުޅިގެން ވަނީ ބޮޑެތި ހަމަލާތަކެއްދީ އެ ގައުމުތަކުގެ ބާރު ކަނޑުވާލާފަ އެވެ. އޭގެ ފަހުން އިޒްރޭލާ ދެކޮޅަށް ބަސްބުނެވޭފަދަ ބާރުގަދަ ގައުމަކަށް ސަރަހައްދުގައި އޮތީ ސީރިޔާ އާއި އީރާނެވެ.
ސީރިޔާގެ ސަރުކާރު ވައްޓާލައި އެ ގައުމުގެ ބާރުކަނޑުވާލުމާއެކު މެދުއިރުމަތީގެ ބާރުގަދަ ގައުމުތަކުގެ ލިސްޓުން މިހާރު ބާކީ އޮތީ ހަމައެކަނި އީރާނެވެ. ލިބެމުންދާ ޚަބަރުތަކަށް ބަލާއިރު އިޒްރޭލުން މިހާރު ތައްޔާރުވަމުން ގެންދަނީ އީރާނުގެ ނިއުކުލިއާ ހަތިޔާރުތައް ނައްތާލުމަށްޓަކައި ހަމަލާ ދިނުމަށެވެ. އެފަދަ ހަމަލައެއް ދީފިނަމަ އެކަން ކާމިޔާބުކުރުމަށްޓަކައި އެ ގައުމަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކުން ލިބޭނެ ކަމުގެ ޔަގީންކަން އިޒްރޭލަށް އޮންނާނެ އެވެ. އިޒްރޭލުން މިހާރު ވަނީ އެކަމަށް ބޭނުންވާ ހުރިހާ ޓެސްޓުތަކެއް ހަދައިފަ އެވެ.
ބެންޖަމީން ނަތަންޔާހޫ އެ ވިދާޅުވި، މެދުއިރުމަތީގެ މޫނުމަތި ބަދަލުކޮށްލާ ވާހަކައަކީ މެދުއިރުމަތީގައި އިޒްރޭލަށް ނުރައްކަލަކަށް ވެދާފަދަ އެއްވެސް ގައުމެއް ނުބޭއްވުމުގެ ވާހަކަ އެވެ. އެ ގައުމުގެ އަދުއްވުން ފަހަރަކު ގައުމެއް ބަލިކުރަމުން ގެންދާ ވާހައަކީ އޭގެ ތަފުސީލެވެ.
އެ ޕްލޭންގެ ދަށުން އިރާގާއި ލީބިޔާ ވަނީ ސުންނާފަތިކޮށް ނިންމާފަ އެވެ. ލުބުނާނަކީ ބާރެއް ނެތް ބަލިކަށި ގައުމަކަށް ހަދައިފި އެވެ. ސީރިޔާގެ ބާރު ކަނޑުވާލުމަށްފަހު އެގައުމުން ބޮޑު ބައެއް ހިފައިފި އެވެ. އިޒްރޭލުގެ ޕްލޭން ބަރާބަރަށް ކުރިޔަށްދާނަމަ ދެން އޮތީ އީރާނެވެ. އެކަމަށްޓަކައި ވެސް ސީރިޔާގެ ބާރު ކަނޑުވާލުމަކީ އިޒްރޭލަށް ބޭނުންތެރިކަމެކެވެ. އެހެންކަމުން އިޒްރޭލުން ފަށާފައިވާ މެދުއިރުމަތީގެ މޫނުމަތި ބަދަލުކޮށްލުމުގެ މަޝްރޫއުގެ ދަށުން ސީރިޔާގައި އޮތް ބައްޝާރުގެ ވެރިކަން ވެއްޓުމަކީ އެގައުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.