މިދިޔަ 11 މަސްދުވަހު ދައުލަތަށް ޢާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ ލިބިފައި ވަނީ 31.9 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން ދައުލަތުގެ އާމްދަނީއާއި ޚަރަދުތައް ހިމެނޭގޮތުން ފިނޭންސް މިނިސްޓްރީ މިހާރު އަންނަނީ "ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް" ރިޕޯޓް އާންމުކުރަމުންނެވެ. މިއަހަރުގެ ކުރީކޮޅުން ފެށިގެން މި ރިޕޯޓް އާއްމުކުރުން ފިނޭންސް އިން ވަނީ ހުއްޓާލައިފަ އެވެ.

މި ރިޕޯޓުން ދައްކާގޮތުން މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނީ 31.9 ބިލިޔަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައި ވަނީ 31.1 ބިލިއަން ރުފިޔާ އެވެ. މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދު ހުރީ 43 ބިލިއަން ރުފިޔާގަ އެވެ. އެއީ ރިކަރަންޓް ޚަރަދުތަކަށް ހޭދަކުރި 12.4 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުތަކަށް ހޭދަކުރި 12.9 ބިލިޔަން ރުފިޔާ އެވެ.

މިދިޔަ 11 މަސްދުވަހު ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ އެވެ. މި މުއްދަތުގެ ތެރޭގައި ޓެކްސްގެ ގޮތުގައި ދައުލަތަށް 24.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް އާމްދަނީ ލިބުނީ 22.3 ބިލިއަން ރުފިޔާ އެވެ.

ޓެކްސް އާމްދަނީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ)ގެ ގޮތުގަ އެވެ. އެއީ 13.2 ބިލިއަން ރުފިޔާ އެވެ. ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް (ބީޕީޓީ)ގެ ގޮތުގައި 5.8 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި އެއް ބިލިޔަން ރުފިޔާ ލިބިފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިއަހަރުގެ މި މުއްދަތުގައި ލިބިފައި ވަނީ 7 ބިލިއަން ރުފިޔާއެވެ. އަދި ހިލޭ އެހީގެ ގޮތުގައި 691 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ރިފޯޓުގައި ބުނެފައިވެ އެވެ.

މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދު ކުރި 43 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުތަކަށް ހޭދަކުރި 12.4 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުތަކަށް ހޭދަކުރި 12.9 ބިލިޔަން ރުފިޔާ އެވެ.

މި މުއްދަތުގައި ދައުލަތުން އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ. އެގޮތުން މުސާރައަށް 5.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ ރިޕޯޓުން ދައްކަ އެވެ.