އޭނާއަށް ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ނުކުރޭ ކަމަށާއި ދައްކަންޖެހިއްޖެއްޔާ ދައްކަންޖެހޭ ލައްކާ ވާހަކަ އެބަހުރި ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާދެއްވި މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
މުއާޒް އިސްތިއުފާދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮރަޕްޝަނަށް ގެންގުޅުއްވާ ޒީރޯ ޓޮލަރެންސްގެ ދަށުން ކަމަށް ބުނެ ސަރުކާރަށް ތާއީދުކުރާ އެކްސް އެކައުންޓަކުން ކުރި ޕޯސްޓަކަށް ރައްދު ދެއްވަމުން މުއާޒް ވަނީ ހަގީގަތް އޮޅުވާލަން ނޫޅުމަށް އިލްތިމާސްކުރައްވާފަ އެވެ.
އޭނާއަށް ކޮރަޕްޝަންގެ ތުހުމަތު ކުރާ ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.
މުއާޒު މީގެކުރިން ވިދާޅުވެފައި ވަނީ ފެނަކައަށް ޖުމްލަ 213 މިލިޔަނެއްހާ ރުފިޔާ މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ލިބޭއިރު އިތުރަށް 85 މިލިޔަން ރުފިޔާ ހަރަދުވާ ކަމަށެވެ.
އޭނާގެ އިސްތިއުފާގެ ސިޓީގައި ވަނީ ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ އެތައް ގުނައެއް އިތުރަށް މުވައްޒަފުން ނަގާފައިވާ ކަމަށެވެ. އަދި ކުންފުނި އިސްލާހުކޮށް ދެކޮޅު ޖެހޭ ކުންފުންޏަކަށް ހެދުމަށް އޭނާ ކުރަމުންއައި މަސައްކަތްތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.