މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުޅުމާލެގައި މިކްސްޑް ރެސިޑެންޝަލް އިމާރާތްތަކެއް އެޅުމަށް ހަވާލުވި ކަނޑޫފާ އިންވެސްޓްމަންޓްގެ ސައްހަކަމާމެދު ސުވާލު އުފައްދައިފި އެވެ.
ކަނޑޫފާ އިންވެސްޓްމަންޓް އިން "ކަނޑޫފާ ރެސިޑެންސްގެ ނަމުގައި ކޮންޑޮމީނިއަމްތަކެއް ހަދަނީ ހުޅުމާލޭގައި އެސްޓީއޯއިން ހަދަން ފެށި ހޮޓާ ކުރިމަތީގައި އޮންނަ ކޮށީގަ އެވެ.
އެ ކުންފުނީގެ ހުރިހާ ސޯޝަލް މީޑިއާ އެކައުންޓްތައް ހިންގި ބިޒްނަސް ޑިވަލޮޕްމަންޓް އެސިސްޓެންޓް ޖޮލީ ކިޔާ މީހަކު ވަނީ ކަނޑޫފާ ރެސިޑެންސްގެ ފޭސްބުކް އެކައުންޓު މެދުވެރިކޮށް "ކަނޑޫފާ ރެސިޑެންސް" ތަރައްގީކުރަމުން އަންނަ ކުންފުނި ކަނޑޫފާ އިންވެސްޓްމަންޓަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން އޭނާ ތުހުމަތުކުރާ ގޮތުގައި އެ ކުންފުންޏަކީ މީހުން އިތުބާރުކޮށް އިންވެސްޓްކުރަން ހެޔޮވާވަރުގެ ކުންފުންޏެއް ނޫނެވެ.
ސަބަބަކަށް އޭނާ ބުނެފައިވަނީ ކުންފުނިން ކަސްޓަމަރުންނާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށް ވެސް އޮޅުވާލަމުން ގެންދިޔުމެވެ. އަދި ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނާ މެދު އެ ކުންފުނިން އަމަލު ކުރަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ވެސް ޖޮލީ ތުހުމަތު ކުރެ އެވެ.
ޖޮލީ ބުނެފައިވާގޮތުގައި "ކަނޑޫފާ އިންވެސްޓްމަންޓް" ކުންފުނީގެ ޕްރޮފައިލްގައި އެ ކުންފުންޏަކީ އެފަދަ މަޝްރޫއުތައް ހިންގުމުގެ ތަޖުރިބާހުރި ކުންފުންޏެއް ކަމަށް ބުނެފައިވަނީ ވެސް ހަގީގަތާ ހިލާފަށް ކަމަށެވެ. އެގޮތުން އެ ކުންފުނިން މީގެ ކުރިން ޗައިނާ، ހޮންކޮންގް އަދި ސިންގަޕޫރުގައި ހިންގާފައިވާ ކަމަށް ބުނެ ވެބްސައިޓްގައި އާއްމުކޮށްފައިވާ މައުލޫމާތުތަކަކީ ދޮގު މައުލޫމާތު ކަމަށް އޭނާ ބުނެ އެވެ.
ހަގީގަތުގައި ކަނޑޫފާ އިންވެސްޓްމަންޓަކީ މިފަދަ މަޝްރޫއުތަކަށް މުޅިން އާ ކުންފުންޏެއް ކަމަށާއި ކުންފުންޏަކީ އާދައިގެ ސަބް ކޮންޓްރެކްޓިން ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށް ޖޯލީ ބުނެފައިވެ އެވެ. އެގޮތުން އެހެން ކުންފުނިތަކާ ގުޅިގެން ބައެއް މަޝްރޫއުތަކުގެ މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ބުނެ އެވެ.
ބައެއް ފަރާތްތަކުން ކުންފުނީގެ މައުލޫމާތު ހޯދަން އެދުމުން ކުންފުނިން ހިއްސާކުރަނީ ގުޅުމެއް ނެތް ޗައިނާގެ އިތުރު ކުންފުންޏެއްގެ މައުލޫމާތު ކަމަށް ވެސް އެ މުވައްޒަފު ވަނީ ބުނެފަ އެވެ. އަދި އެ ކުންފުނީގެ ސްޓޭމްޕާއި ޓެމްޕްލޭޓްތަކާއި އެއްގޮތަށް ޑޮކިއުމެންޓް ތައްޔާރުކޮށް ސަރުކާރުގެ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނަގާފައިވާ ކަމަށް ވެސް ޖޮލީ ތުހުމަތު ކުރެ އެވެ.
މީގެ އިތުރުން މުވައްޒަފުންނަށް ގަވައިދުން މުސާރަ ނުދިނުމަކީ އެ ކުންފުންޏަކީ އެވަރުގެ ބޮޑު މަޝްރޫއެއް ހިންގާވަރުގެ މާލީ ތަނަވަސްކަމެއް ނެތް ކުންފުންޏެއްކަން އެނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ކުންފުނިން މަސައްކަތް ފެށުމުގެ ކުރިން އެޕާޓްމަންޓް ގަންނަ ފަރާތްތަކުން އެޑްވާންސް ފައިސާ ނަގަން ފަށާފައިވާ ކަމާއި ސަރުކާރުން އެޑްވާންސް ނެގޭނެ ކަމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ ބޮޑުކޮށް ބައެއް ފަރާތްތަކުގެ އަތުން އެޑްވާންސް ނެގި ކަމަށް ޖޯލީ ބުނެފައިވެ އެވެ. އަދި މަޝްރޫއު ނިމޭނެ ކަމަށް ފުރަތަމަ ކަނޑައެޅި ތާރީހް ކަމަށްވާ 2026 ޖެނުއަރީ ތިން ފަހަރެއްގެ މަތިން ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ބުނެ އެވެ. އެގޮތުން މިހާރު މަސައްކަތް ނިމެނޭ ކަމަށް ކަނޑައަޅާފައި ވަނީ 2026 ވަނަ އަހަރުގެ ޖުލައި މަހު އެވެ.
މީގެ އިތުރުން ވެސް ޖޮލީއަށް މަސައްކަތުގެ މާހައުލުގައި ޖިސްމާނީ ގޮތުން އަނިޔާ ދީފައިވާކަމަށް އޭނާ ބުނެފައިވެ އެވެ. އެގޮތުން ބައްދަލުވުމެއްގައި އުފެދުނު ހިތްހަމަނުޖެހުމެއްގެ ތެރެއިން އެތަނުގެ ވެރިއަކު އޭނާއަށް އަނިޔާ ކުރިކަމަށް އޭނާ ތުހުމަތު ކުރެ އެވެ.
މި ހުރިހާ ތުހުމަތުތަކާއެކު އެ ކުންފުނިން އެޕާޓްމަންޓް ގަތުމަށް އިންވެސްޓްކުރަމުންދާ ފަރާތްތަކުން މިކަމަށް ސަމާލުވެ ވިސްނުމަށް ޖޮލީ އެދިފައިވެ އެވެ.