އަންނަ އަހަރުން ފެށިގެން ސަރުކާރު އޮފީސްތަކުގެ ޕްރޮކިއުމަންޓް ޕްލޭންތައް އާންމުކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
އެގޮތަށް ނިންމައި އަންނަ ޖެނުއަރީ މަހުގެ ތެރޭގައި އެ މައުލޫމާތުތައް ފިނޭންސް މިނިސްޓްރީއަށް ފޮނުވަން އެ މިނިސްޓްރީން ހުރިހާ އިދާރާތަކަށް ވަނީ އަންގައިފަ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ އަހަރީ ޕްރޮކިޔުމަންޓް ޕްލޭންތައް އާންމުކުރާނީ އެ މިނިސްޓްރީގެ ވެބްސައިޓުގައި ކަމަށެވެ. މި ޕްލޭންތަކަކީ މާލިއްޔަތު ގަވާއިދުގެ ދަށުން ދައުލަތުގެ ބަޖެޓުން ހިންގާ ހުރިހާ ތަނަކުން ތައްޔާރުކުރަންޖެހޭ ލިޔުމެކެވެ.
މި ސާކިއުލާއާއެކީ ދައުލަތުގެ ޕްރޮކިއުމަންޓް ކަންކަން ބަލަހައްޓާ ބަނޑޭރި ޕޯޓަލްއިން މި ޕްލޭންތައް ތައްޔާރުކުރާނެ ގޮތުގައި އިރުޝާދުތައް ހިމެނޭ ޔޫސާ ގައިޑްލައިނެއް ވެސް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.
ޕްރޮކިއުމަންޓް ޕްލޭންތައް އާންމުކުރަން ފިނޭންސް މިނިސްޓްރީން ނިންމާފައިވާއިރު، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ގިނަ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތައް މިފަހުން ވަނީ ފެންމަތިވެފަ އެވެ. އިދާރާތަކުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން އާންމުކޮށް ކުރަނީ ޕްރޮކިއުމަންޓް މުއާމަލާތްތަކުގެ ތެރެއިންކަން ފާހަގަކޮށްލެވެ އެވެ.