ސަލްމާން ޚާންގެ ލޯބީގެ ހަޔާތުގެ ވާހަކަތަކަކީ އަބަދުވެސް މީޑިއާތަކުގެ ފަލަ ސުރުހީއިން ޖާގަ ހޯދާ ހަބަރުތަކެކެވެ. 90ގެ އަހަރުތަކުގައި އޭނާ ވަނީ ބައެއް އެކްޓަރުންނާ ލޯބީގެ ގޮތުން ގުޅިގެން އުޅެފަ އެވެ.

އޭގެ ތެރެއިން ވެސް އެކްޓަރު ސަންގީތާ ބިޖްލާނީއާއެކު އޮތް ސަލްމާންގެ ގުޅުމަކީ ފާހަގަކޮށްލެވޭ ގުޅުމެކެވެ. އެ ގުޅުން ހާއްސަވާ ގިނަ ސަބަބުތަކެއް ވެސް އެބަހުއްޓެވެ.

ޓީވީ އިސްތިހާރެއްގެ ސެޓުން ބައްދަލުވި އެ ދެމީހުންގެ ލޯބީގެ ގުޅުން 10 އަހަރަށް ދެމިގެންދިޔަ އެވެ. އެއީ ސަލްމާން ޚާންގެ އެންމެ ދިގު ލޯބީގެ ގުޅުމުގެ ގޮތުގައި ބެލެވޭ ގުޅުމެވެ.

ބުނެވޭ ގޮތުގައި އެ ގުޅުން ނިމުމަކަށް އައީ އެ ދެމީހުން ކައިވެނި ކުރަން ހުރިހާ ކަމެއް ނިމި ކާޑުތައް ވެސް ޕްރިންޓް ކުރެވިފައި ވަނިކޮށެވެ. އެހެން ނަމަވެސް އެ ގުޅުން ނިމުނު ސަބަބެއް ނޭނގެ އެވެ.

މި ވާހަކަ މީޑިއާގައި ދެކެވޭތާ އެތައް އަހަރެއް ފަހުން ސަންގީތާ އެންމެ ފަހުން މިވަނީ އެކަމުގެ ހަގީގަތް އާއްމުންނަށް ބުނެދީފަ އެވެ.

މިހާރު ކުރިއަށްދާ އިންޑިއަން އައިޑަލް 15ގެ އެޕިސޯޑެއްގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވި ސަންގީތާއަށް އެކަމާ ބެހޭގޮތުން ސުވާލު ކުރެވުމުން އޭނާ ބުނީ އެއީ ދޮގެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް އެކަމުގެ އިތުރު ތަފްސީލުތައް ދޭން އެ ޝޯގެ ފަނޑިޔާރުން އެދުމުން ސަންގީތާ ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ.

އެހެން ކަމުން މީޑިއާގައި ދެކެވުނު ވާހަކަތަކަކީ ތެދު ހަގީގަތެއްކަން މިހާރު މިވަނީ އެނގި ހާމަވެފަ އެވެ. ސަންގީތާއާއެކު ކުރަން އޮތް ކައިވެނި ރޫޅުނު ފަހުން މިއަދާ ހަމައަށް ވެސް ސަލްމާން އެއްވެސް ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ.