ސަރުކާރުގެ ކުންފުނިތަކުން ލޯނު ނެގުމުގައްޔާއި ބޯނަސް ދިނުމުގައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭގޮތަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ހަމަޖައްސައިފި އެވެ.
ޕީސީބީ އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، މިގޮތަށް ބަދަލު ގެންނަން ނިންމީ އެ ބޯޑުން އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.
ބޯޑުން ނިންމި ކަންތައްތަކުގެ ތެރޭގައި ކުންފުނީގެ އިދާރީ އަދި މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުން ވެސް ހިމެނެ އެވެ. ޕީސީބީން ބުނިގޮތުގައި އެ ގައިޑްލައިންތަކާއި ބަދަލުތައް ހިނގާނީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ޕަބްލިކް ލިސްޓެޑް ނޫން އެހެން ކުންފުނިތަކަށެވެ.
ލޯނު ނެގުމުގައި އަމަލުކުރާނެ ގައިޑްލައިންގައިވާ ގޮތުން ސަރުކާރުގެ ކުންފުންޏަކުން ކުރިއަށް އޮތް ތަނުގައި ލޯނެއް ނެގުމުގެ ކުރިން ލޯނު ދޫކުރާ އެއް ފަރާތައްވުރެ ގިނަ ފަރާތް ދިރާސާކޮށް ޓެކްނިކަލް ކަރުދާހެއް އެކުލަވާލަން ޖެހެ އެވެ. އަދި އެ ކަރުދާސް ކުންފުނީގެ ބޯޑަށް ހުށަހަޅައި ފާސްކޮށް، މައި ހިއްސާދާރުގެ ހައިސިއްޔަތުން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެ އެވެ.
ސަރުކާރު ކުންފުނިތަކުން ލޯނު ނެގުމުގައި ސަރުކާރު ހިއްސާވާ ލޯނު ދޭ ކުންފުނިތަކާއި މާލީ އިދާރާތަކަށް އިސްކަންދޭނެ ޖެހޭނެ ކަމަށް ވެސް އެ ގައިޑްލައިންގައި ބުނެފައިވެ އެވެ.
އިދާރީ އަދި މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމުގައި އަމަލުކުރާނެ ގައިޑްލައިންގައިވާ ގޮތުން ކުންފުނިތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމަށް ކޮންމެ ފަސް އަހަރަކުން، ހިއުމަން ރިސޯސް ނީޑްސް އެސެސްމަންޓެއް ހަދަން ޖެހޭނެ އެވެ. އަދި އޮނިގަނޑަށް ބަދަލެއް ގެނެވޭނީ އެ އެސެސްމަންޓު ހެދުމަށްފަހު އެވެ.
ކުންފުނިތަކުން މުސާރައަށް ކުރާ ހަރަދު އާމްދަނީގެ 30 ޕަސެންޓުގައި ހިފެހެއްޓުމަށް ޕީސީބީން ވަނީ އަންގާފަ އެވެ. އާމްދަނީ ނުލިބޭ ކުންފުންޏެއްނަމަ މުސާރައިގެ ހަރަދު ހުންނަންވާނީ ހިންގުމުގެ ހަރަދުގެ 50 ޕަސެންޓުގަ އެވެ. ލޭބާ އިންޓެންސިވް ކުންފުންޏެއްނަމަ އެ މިންވަރު 65 އަށް މަތިކުރެވޭނެ ކަމަށް ވެސް ޕީސީބީން ބުންޏެވެ.
ހަމައެހެންމެ ކުންފުނިތަކަށް ނަގާ މުވައްޒަފުންގެ އަސާސީ ޝަރުތުތައް ޕީސީބީން އެކުލަވާލާ ޖޮބް ކްލެސިފިކޭޝަން ފްރޭމްވޯކާ އެއްގޮތް ކުރުމަށް ވެސް އެ ބޯޑުން ވަނީ އަންގާފަ އެވެ.