ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރުއާއި އާލިއާ ބަޓް އެމީހުންގެ އާއިލާއާއެކު ތައިލެންޑުގައި އާ އަހަރުގެ ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.

ރަންބީރުއާއި އާލިއާއާއެކު އާ އަހަރު ފާހަގަ ކުރަމުން އަންނަ އެ އާއިލާގެ މެމްބަރުންގެ ތެރޭގައި އެމީހުންގެ ދަރިފުޅު ރަހާ ކަޕޫރުގެ އިތުރުން ރަންބީރުގެ މަންމަ ނީތޫ ކަޕޫރު، ދައްތަ ރިދިމާ ސަހާނީގެ އިތުރުން އާލިއާގެ މަންމަ ސޯނީ ރަޒްދާން ހިމެނެ އެވެ.

ރަންބީރުގެ އާއިލާ ތައިލޭންޑުގައި ހޭދަކުރަމުން އަންނަ ޗުއްޓީގެ ފޮޓޯތައް އެ އާއިލާގެ އެކި މެމްބަރުންގެ ސޯޝަލް މީޑިއާގައި ދަނީ ހިއްސާ ކުރަމުންނެވެ.

އެގޮތުން ރިދިމާގެ އިންސްޓަގްރާމްގައި ޗުއްޓީގެ ތެރެއިން ނަގާފައިވާ ގިނަ ފޮޓޯތަކެއް ޕޯސްޓު ކޮށްފައިވާއިރު އެ ފޮޓޯތަކުން އާއިލާ އެކުގައި ވަގުތު ހޭދަކުރާ މަންޒަރު ފެނެ އެވެ.

އޭގެ އިތުރުން ވެސް ކޯރެއްގައި ބޯޓު ދުއްވުން ފަދަ ހަރަކާތްތަކުގައި އެ އާއިލާ ބައިވެރިވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވެސް ވަނީ އާއްމުވެފަ އެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް ކަޕޫރު އާއިލާއިން ވަނީ އެ އާއިލާގެ އެންމެ ފާހަގަ ކޮށްލެވޭ ޝަހްސިއްޔަތު ރާޖް ކަޕޫރުގެ 100 ވަނަ އުފަން ދުވަސް ފާހަގަކުރަން އެކުގައި ފެނިފަ އެވެ.