ދުންފަތާއި ދުންފަތް އޮޅަން ބޭނުންކުރާ ކަރުދާސް ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށްފައިވާތީ އެތަކެތި ވިއްކާ ފިހާރަތައް ކައިރީ ގިނަ މިރޭ ބަޔަކު ކިޔު ހަދައިފި އެވެ.

އެހާ ގިނަ ބަޔަކު އެއްފަހަރާ ކިޔު ހެދީ އެ ފިހާރަތަކުން ސްޓޮކް ހުސްވުމުގެ ކުރިން އެތަކެތި ގަތުމަށެވެ.

ކިޔުގައި ތިބި މީހުން ބުނީ އެއްވެސް އެންގުމެއް ނެތި ކުއްލިއަކަށް އެތަކެތި ވިއްކުން މަނާކުރުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އެހެންވެ ސަރުކާރުގެ އެ ނިންމުން އަނބުރާ ގެންދަން އެ މީހުން ގޮވާލި އެވެ.

ކިޔުތައް ހަދާފައި ވަނީ ދުންފަތުގެ ބާވަތްތައް ވިއްކާ ދެ ފިހާރައެއް ކައިރީ އެވެ.

ދުންފަތް ވިއްކުން މަނާކުރާތީ އެތަކެތި ގަތުމަށް ފިހާރައެއް ކައިރީ ހެދި ކިޔު ބަންދުކޮށްފައި

މިދިޔަ މަހުގެ 24 ގައި ހެލްތު މިނިސްޓްރީން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި އެއްވެސް ބާވަތެއްގެ ދުންފަތެއް އުފެއްދުމަކީ މަނާ ކަމެއްކަމަށެވެ.

އެހެންކަމުން ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފި ނަމަ އެތަކެތި ހިފަހައްޓައި ނައްތާލުމަށް ހެލުތުން ވަނީ ކަސްޓަމްސްއަށް އަންގާފަ އެވެ.

" ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި 1 ވަނަ އިސްލާހާއެކު އެ ގާނޫނުގެ 42 ވަނަ މާއްދާގެ (ދ)ގައި ބަޔާކޮށްފައިވާ ގޮތުގައި ދުންފަތާއި ދުންފަތުގެ ތަނޑިއާއި، ނިކޮޓިންއާއި، އެތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެތި އަދި އެއިން އެއްވެސް ބާވަތެއްގެ ތެރެއިން ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ، ހިފައިގެން ބޮއެގެން ނުވަތަ ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެންވިއަސް އޭގެ މާއްދާއެއް ނުވަތަ މާއްދާތަކެއް ހަށިގަނޑަށް ވާސިލުވާގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެކެވެ". އެ ސިޓީގައި ބުނެފައިވެ އެވެ.

ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުން ގާނޫނަށް އިސްލާހުގެނެސް ދުންފަތުން ނަގަމުން ދިޔަ ޓެކްސް ބޮޑުކޮށްފަ އެވެ. އެގޮތުން ކުރިން 100ރ އަށް ލިބުނު ސިނގިރޭޓު ފޮށްޓެއް މިހާރު ގަންނަން ލިބެނީ 240ރ އަށެވެ.

މީގެ އިތުރުން ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ކުރުންވެސް ވަނީ މުޅިން މަނާކޮށްފަ އެވެ. ވޭޕް ބޭނުކޮށް އޭގެ އެއްވެސް ވިޔަފާރީގެ މުއާމަލާތެއް ކޮށްފިނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަން ވަނީ ފަށާފަ އެވެ.