ޖެކީ ޗެންއަކީ އޭނާގެ މަޝްހޫރު ފިލްމުތަކުން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ހޮލީވުޑްގެ މުއްސަނދި ތަރިންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ.

އެހެން ނަމަވެސް އޭނާގެ މިލްކިއްޔާތުގެ އެއްވެސް ހިއްސާއެއް އޭނާގެ ދަރިފުޅު ޖޭސީއަށް ނުލިބޭނެކަން ޖެކީ ވަނީ މީގެ އަހަރުތަކެއް ކުރިން އިއުލާން ކޮށްފަ އެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޖެކީ ބުނެފައިވަނީ ޖޭސީގެ ކިބައިގައި ގާބިލުކަން ހުރިނަމަ އޭނާ އަމިއްލަ އާމްދަނީ ހޯދާނެ ކަމަށާއި ނޫންނަމަ ޖޭސީ އޭނާގެ މުދާ އިސްރާފު ކުރާނެ ކަމަށެވެ. އަދި އޭނާގެ މުޅި މިލްކިއްޔާތު ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަދިޔާ ކުރަން ނިންމީ އެހެންވެ ކަމަށް ޖެކީ މީޑިއާއަށް މައުލޫމާތު ދިނެވެ.

ޖޭސީއަކީ 1982 ވަނަ އަހަރު ކައިވެނިކުރި ޖެކީއާއި އޭނާގެ އަންހެނުން ޖޯން ލިންއަށް ލިބުނު ހަމައެކަނި ފިރިހެން ދަރިފުޅެވެ. އޭނާ ވަނީ މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތުގައި 2014 ވަނަ އަހަރު ހައްޔަރު ކުރެވި ޖަލު ހުކުމެއް ތަންފީޒު ކޮށްފަ އެވެ.

ޖޭސީ ޖަލަށް ލުމާއެކު ޖެކީ އޭނާގެ ފަރާތުން މައާފަށް އެދި އޭނާގެ ދަރިފުޅު ތަރުބިއްޔަތު ކުރުމުގައި ފެއިލް ވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ޖެކީގެ މިލްކިއްޔާތުން އެއްވެސް ހިއްސާއެއް ޖޭސީއަށް ނުދޭން އޭނާ ނިންމީ އެ ހާދިސާއަށްފަހު އެވެ. އެއަށްފަހު ދެބަފައިންގެ ގުޅުން ވެސް ރަނގަޅު ނޫން ކަމަށް ބުނެވެ އެވެ.

ބުނެވޭ ގޮތުގައި ޖެކީގެ މިލްކިއްޔާތުގެ ޖުމްލަ އަގު 350 މިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ. އޭނާ މަރުވުމަށްފަހު އެ ހުރިހާ މުދަލެއް ހަދިޔާކުރާނީ ފަންޑަކަށެވެ.