ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އަނެއްކާ ވެސް ފިޔަވަޅުތަކެއް އަޅައިފި އެވެ.
މިހާރު އިންޓަނެޓުގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ފެންނަ ގޮތުން ސަލްމާން ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓުގެ ބޭރުގައި ގިނަ އަދަދެއްގެ ސެކިއުރިޓީ އޮފިޝަލުން ހަރަކާތްތެރިވެ އެވެ.
ހަމައެއާއެކު އެ އެޕާޓްމެންޓްގެ ބޭރުގައި ބައެއް ގެޖެޓްތައް ހަރުކުރާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ. ބެލެވޭ ގޮތުގައި އެއީ އިތުރު ސެކިއުރިޓީ ކެމެރާ ތަކެކެވެ.
ސަލްމާންއަށް ފުލުހުންގެ ހައި ސެކިއުރިޓީ ދޭން ނިންމާފައިވަނީ މިދިޔަ އަހަރު ތެރޭގައި އެކި ފަހަރު މަތިން ބިޝްނޯއީ ގޭންގުން އޭނާއަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެންނެވެ.
އެގޮތުން މިދިޔަ އަހަރު ތެރޭގައި ސަލްމާންގެ ގޭގެ ބޭރުން ސައިކަލުގައި ދުއްވާފައިދިޔަ ދެ މީހަކު ވަނީ އިންޒާރެއްގެ ގޮތުގައި ބަޑި ވެސް ޖަހާފަ އެވެ.
އެ ދެމީހުންނަކީ ބިޝްނޯއީ ގްރޫޕަށް ނިސްބަތްވާ މީހުން ކަމަށް ބެލެވޭއިރު އެ ހާދިސާގެ ފަހުން ސަލްމާންގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކުރެވިފަ އެވެ.