އިންޑިއާގެ ހައިދަރްއާބާދުގައި "ޕުޝްޕާ 2" ޕްރިމިއާ ކުރަން ބޭއްވި ހަފްލާގައި ހިނގި ތޮއްޖެހުމުގެ ހާދިސާއާ ގުޅިގެން އެ ފިލްމުގެ ލީޑު ތަރި އައްލޫ އަރުޖުންއަށް އަނެއްކާ ވެސް ނޯޓިސްއެއް ފޮނުވައިފި އެވެ.
އެ ހާދިސާގައި ރެވަތީ ނަމަކަށް ކިޔާ އަންހެނަކު މަރުވެފައިވާއިރު އޭނާގެ 8 އަހަރުގެ ދަރިފުޅަށް ސީރިއަސް އަނިޔާތަކެއް ލިބި ކިމްސް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
އައްލޫއަށް ތަމިލްނާޑޫގެ ޕޮލިސް ޑިޕާޓްމަންޓުން ނޯޓިސްއެއް ފޮނުވާފައި މިވަނީ ހޮސްޕިޓަލުގައި އޮތް އެ ކުއްޖާއަށް ޒިއާރަތް ކުރުމުގެ ހުއްދައަށް އެދުމުންނެވެ.
އެ ނޯޓިސްގައި ބުނެފައިވަނީ ހޮސްޕިޓަލު ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ޔަގީންކޮށް ހޮސްޕިޓަލް ބޭނުންކުރާ ފަރާތްތަކަށް އުނދަގޫވިޔަ ނުދިނުމުގެ ގޮތުން އައްލޫ ހޮސްޕިޓަލަށް ދާނަމަ ސިއްރިއްޔާތުގައި އެކަން ކުރުމަށެވެ.
އެގޮތުން އެކަމުގައި ފުލުހުންގެ ފަރާތުން ލިބެންޖެހޭ ފުރިހަމަ އެއްބާރުލުން އޭނާއަށް ލިބޭނެ ކަމަށް ވެސް އެ ނޯޓިސްގައި ބުނެފައިވެ އެވެ.
މީގެ ކުރިން ވެސް ހަމަ އެ ހާދިސާއާ ގުޅިގެން އައްލޫ ހައްޔަރު ކުރެވި ސުވާލު ވެސް ކުރެވިފައިވެ އެވެ. އޭނާ މިނިވަންވީ ކަފާލާތުގެ ދަށުންނެވެ.
އައްލޫގެ ޓީމުން ވަނީ އެ ހާދިސާގައި އަނިޔާވި ކުޑަ ކުއްޖާއަށާއި އޭނާގެ އާއިލާއަށް ހުރިހާ ގޮތަކުން ވެސް އެހީތެރިވެދޭނެ ކަމަށް ބުނެފަ އެވެ.