މަޝްހޫރު މޮޑެލް އަދި ސެލެބްރިޓީ ބިއަންކާ ސެންސޮރީގެ 30 ވަނަ އުފަން ދުވަސް ރާއްޖޭގައި ފާހަގަ ކުރަން ކޮންމެ ދުވަހަކު 6000 އެމެރިކާ ޑޮލަރަށްވުރެ ބޮޑު ހަރަދެއް ކާންޔޭ ވެސްޓް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހު 30 އަހަރު ފުރުނު ބިއަންކާ ވަނީ އޭނާގެ ބައިވެރިޔާ ކާންޔޭ ވެސްްޓްގެ އިތުރުން އާއިލާއާއާއި ރަހުމަތްތެރިންނާއެކު ރާއްޖޭގައި އުފަންދުވަސް ފާހަގަކޮށްފަ އެވެ.

އެމީހުން ތިބި ސީދާ ރިސޯޓެއް އެނގިފައި ނުވި ނަމަވެސް އެއީ ރެއަކަށް 6000 ޑޮލަރަށްވުރެ ގިނައިން ޗާޖުކުރާ ފަސް ތަރީގެ ހޮޓަލެއް ކަމަށް ހަބަރުތައް ބުނެ އެވެ.

އެގޮތުން އެ ރިސޯޓުގައި ކާންޔޭ ޑީޖޭ ސެޝަންއެއް ކުރިއަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ޓިކްޓޮކްގައި ދަނީ ދައުރު ވަމުންނެވެ.

ބިއަންކާގެ އުފަންދުވަސް ފާހަގަކުރަން އެންމެ ފުރަތަމަ ގަސްދުކުރީ ދުބާއީގައި ނަމަވެސް އެންމެ ފަހުވަގުތު ރާއްޖެއަށް ބަދަލުކުރި ސަބަބެއް ނޭނގެ އެވެ.

އެގޮތުން ރާއްޖޭގެ ހިދުމަތްތަކާމެދު އެމީހުން ވަރަށް ހިތްހަމަޖެހިފައި ތިބި ކަމަށާއި ހާއްސަކޮށް މީޑިއާގެ ފަރާތުން އެއްވެސް ކަހަލަ އުނދަގުލެއް ކުރިމަތިނުވާތީ އުފަލުން ތިބި ކަމަށް ހަބަރުތައް ބުނެ އެވެ.

ބިއަންކާއާއި އޭނާގެ ދަތުރުގެ ބައިވެރިން ރާއްޖެއަށް އައިތާ ދުވަސްތަކެއް ވެދާނެ އެވެ. އެގޮތުން އާ އަހަރު ވެސް އެމީހުން ފާހަގަކުރީ ރާއްޖޭގަ އެވެ.