އެމެރިކާގެ ދެކުނު ކެލިފޯނިއާއާއި ލޮސް އެންޖެލަސް ހިމެނޭ ސަރަހައްދުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އާއްމުކޮށް ހޮލީވުޑް ހިލްސްގެ ނަމުން މަޝްހޫރުވެފައިވާ އެ ސަރަހައްދުގައި އަލިފާން ރޯވެފައިވަނީ ރާއްޖެ ގަޑިން އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
އެތައް ގަޑިއިރެއްގެ މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު، ފަސް މީހުން މަރުވެ 2000 އަށް ވުރެ ގިނަ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދައި އަޅިއަށްވެފައި ކަމަށް ލަފާކުރެވެ އެވެ.
އެ ސަރަހައްދަކީ ހޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންގެ އެތައް މިލިއަން ޑޮލަރެއްގެ އަގު ބޮޑު ގެދޮރު ހިމެނޭ ސަރަހައްދަކަށްވާއިރު މި ހާދިސާއިން ހޮލީވުޑަށް ވަނީ ބޮޑު އަސަރެއް ކޮށްފަ އެވެ. އެގޮތުން ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ބެލެވިފައިވާ ހޮލީވުޑްގެ މަޝްހޫރު ނަން ބޯޑު ވެސް ވަނީ އެ އަލިފާނުގައި އަނދާ އަޅިއަށް ވެފަ އެވެ.
މި ހާދިސާގައި ލިބުނު ގެއްލުމުގެ އަގު އަދި ވަޒަން ކުރަން ނޭނގޭނެ ކަމަށް މީޑިއާތަކުން ބުނާއިރު މުޅި ސަރަހައްދަށް ފެތުރިފައިވާ ދުމުގެ ސަބަބުން ސިއްހީ ކަންބޮޑުވުންތައް ވެސް ވަނީ އުފެދިފަ އެވެ.