އެމެރިކާގެ ލޮސް އެންޖެލަސްގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން ހާލުގައި ޖެހިފައިވާ ބައެއް މީހުންނަށް ހޮލީވުޑްގެ ތަރި އެންޖެލީނާ ޖޯލީ ބޯހިޔާވަހިކަން ދީފި އެވެ.
ހޮލީވުޑްގެ ރިޕޯޓުތައް ބުނާ ގޮތުގައި އަލިފާނުގެ ސަބަބުން އެންޖެލީނާގެ ބައެއް ގާތް ރަހުމަތްތެރިން ގެދޮރު ދޫކޮށް ނުކުންނަން ޖެހިފައިވާތީ އެމީހުންނަށް އޭނާ ވަނީ އޭނާގެ ގޭގައި ތިބެވޭނެ ގޮތް ހަމަޖައްސައިދީފަ އެވެ.
އޭގެ އިތުރުން ވެސް އެ ފަރާތްތަކަށް އެހެނިހެން ގޮތްގޮތުން ވެސް އެހީވާން އެންޖެލީނާ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.
ލޮސް އެންޖެލަސްގެ އަލިފާނުގެ ހާދިސާގައި އެތައް ހާސް ބަޔަކު އެމީހުންގެ ގެދޮރު ދޫކޮށް ދާން ޖެހިފައިވާއިރު އާދީއްތަ ދުވަހާ ހަމައަށް އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 16 އަށް އަރާފައިވެ އެވެ.
އަލިފާންގަނޑުގައި ގެދޮރު އަނދައި އަޅިއަށްވި މީހުންގެ ތެރޭގައި ގިނަ ހޮލީވުޑްގެ ތަރިން ހިމެނެ އެވެ. އެގޮތުން ޕެރިސް ހިލްޓަން، މާކް ހެމިލް އަދި އެނާ ފަރިސްގެ ގެ ވެސް ވަނީ އެއްކޮށް އަނދައި އަޅިއަށް ވެފަ އެވެ.
އެތައް ހާސް ބައެއްގެ މަސައްކަތުން ވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިނުވާއިރު ހޮލީވުޑްގެ ގިނަ ތަރިންތަކެއް އަންނަނީ މި ހާދިސާގެ އަސަރުކުރި މީހުންނަށް ފަންޑް ރެއިޒިން ވެސް ހިންގަމުންނެވެ.