މީހުނަށް ނޭނގި ޕީއެންސީއަށް ވައްދާ މަސައްލައިގައި ބައެއް ވަގު ފޯމްތަކުގައި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ހިންގުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީއާއި ބައެއް މަޖިލިސް މެންބަރުން ހެއްކިންގެ ގޮތުގައި ސޮއިކޮށްފައިވާކަން ހާމަވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕީއެންސީން ދާދިފަހުން މެންބަރުން އިތުރުކުރުމަށް ގިނަ އަދަދެއްގެ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާއިރު، ގިނަ ބަޔަކު ދަނީ ނޭނގި ވަގަށް ޕީއެންސީއަށް ވައްދާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.
ޕީއެންސީން ފޯމް ފުރި ދުވަސްވަރު، ޑީއެންއާރް ތެރޭގައި ޕީއެންސީގެ މެންބަޝިޕް ފޯމް ފުރަން ތިބޭ މަންޒަރު ފެންނަ ފޮޓޯ ތަކެއްވެސް އާންމުވެފައިވެ އެވެ.
އޭގެ ތެރެއިން ބައެއް މީހުންގެ ހުރިހާ އިނގިލިތަކުން ފޯމުގައި އިނގިލީގެ ނިޝާން ޖަހާފައިވާ މަންޒަރުވެސް ފެންނަން ހުއްޓެވެ.
ޑީއެންއާރްގެ ވެރިޔާ ހެކިކޮށްފައިވާ ފޯމްތަކުގެ މައްސަލައާމެދު ރައްޔިތުންގެ މައުލޫމާތު ޑީއެންއާރުން ޕީއެންސީއަށް ފޯރުކޮށްދޭ ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.
މީގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާން ގިނަ އަދަދެއްގެ ފޯމް "ޓީމް ހޯމް" ގެ ނަމުގައި ޕީއެންސީއާ ހަވާލުކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.
ޕީއެންސީން ވަގު ފޯމް ހުށަހަޅަމުން ގޮސް މިއަދު ވަނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާކަން ހާމަވެފަ އެވެ. މިއާއެކު އޭނާގެ މަޖިލިސް ގޮނޑިއާމެދު ވަނީ ސުވާލު އުފެދިފަ އެވެ.
ޕީއެންސީގެ ވަގު ފޯމު މައްސަލަ ބޮޑުވެފައިވާއިރު، ވަގަށް ޕީއެންސީއަށް ވައްދާފައިވާ މީހެއްގެ ފޯމު ގއ. ވިލިނގިލި ދާއިރާގެ ކުރީގެ މެންބަރު، ސައުދު ހުސެއިން އެކްސްގައި ހިއްސާކޮށްފައިވެ އެވެ. އެ ފޯމުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކޮށްފައި އޮތީ ވިލިމާލެ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު އިސްމާއިލް އެވެ.
ވަގު ފޯމްތައް ޕީއެންސީން ހުށަހަޅާފައިވާއިރު، ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މަޖިލިސް މެންބަރުން ސޮއިކުރައްވާ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާއިރު، މިކަމުގައި ޕީއެންސީއާއި އީސީން ތިބީ ހަނު އެވެ.