ވަޅީގެ ހަމަލާއަކާ ގުޅިގެން ކުރި ސާޖަރީއަށްފަހު ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާންއަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ހަބަރުތައް ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މުމްބާއީގައި ސައިފްގެ އާއިލާ ދިރިއުޅެމުންދިޔަ ގެއަށް ވަތް ވަގަކާއެކު ހިނގި ކުރިމަތިލުމެއްގައި އެ މީހާ ވަނީ ސައިފްގެ ހަށިގަނޑުގެ ހަ ތަނަކަށް ވަޅި ހަރާފަ އެވެ.
އެ ހަމަލާއާއެކު ސައިފް މުމްބާއީގެ ލިލާވަތީ ހޮސްޕިޓަލަށް ގެންދެވި ލޭ މަނާކުރަން އެމަޖެންސީ ޕްރޮސީޖާއެއްގެ ގޮތުގައި ސާޖަރީއެއް ކުރެވުނެވެ.
އެ ސާޖަރީއަށްފަހު ސައިފްގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމަށް ހޮސްޕިޓަލުން ބުނި ނަމަވެސް އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ. ސާޖަރީއަށްފަހު ސައިފް އަދިވެސް ހޭނާރާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.
ސައިފްއަށް ދިން މި ހަމަލާއާއެކު މުޅި ބޮލީވުޑަށް ކުއްލި ސިހުމެއް ލިބިފައިވާއިރު ބޮލީވުޑްގެ ގިނަ ފަރާތްތަކުން އަންނަނީ އެ އާއިލާއަށް ހެޔޮ އެދުންތައް ފޮނުވައި ހޮސްޕިޓަލުގައި އޮތް ސައިފްއަށް ޒިޔާރަތް ކުރަމުންނެވެ.
މި ދަނޑިވަޅުގައި ސައިފްގެ އަންހެނުން ކަރީނާ ކަޕޫރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެންމެންގެ ފަރާތުން ލިބެމުން އަންނަ ލޯތްބަށް ޝުކުރު އަދާކުރާ ކަމަށާއި އެހެން ނަމަވެސް މިވަގުތު އެ އާއިލާއަށް އެންމެ ބޭނުންވަނީ މިނިވަންކަން ކަމަށެވެ.
ސައިފްއަށް ހަމަލާ ދިން މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު އޭނާ އެންމެ ފަހުން ފެނިފައިވަނީ މުމްބާއީގެ ބެންޑްރާ ރެއިލްވޭ ސްޓޭޝަން ކައިރިން ކަމަށް ރިޕޯޓްތައް ބުނެ އެވެ.