ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ކުރަމުންދާ ކަމަށް އިޒްރޭލުން ބުނާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އެގައުމުގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިއަދުގެ ވަގުތެއްގައި ވަޒީރުންގެ މަޖިލީހުން އެއްބަސްވުން ފާސްކޮށްފައިވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން ވަނީ ބުނެފަ އެވެ. މި އެއްބަސްވުމަށް އަމަލު ކުރަން ފަށަން ހަމަޖެހިފައިވަނީ މާދަމާ (19 ޖެނުއަރީ 2025) އިން ފެށިގެނެވެ.

މިއީ ހަމާސް ކޮންޓްރޯލްކުރާ ފަލަސްތީނުގެ ޣައްޒާގައި 15 މަސްދުވަސް ވެފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަގުފަހިކޮށްދޭނެ އެއްބަސްވުމެކެވެ.

"ރަހީނުން އަނބުރާ ގެނައުމުގެ އޮނިގަނޑު ސަރުކާރުން ފާސްކޮށްފި. ރަހީނުން ދޫކޮށްލުމުގެ އޮނިގަނޑު އާދީއްތަ ދުވަހު ތަންފީޒުކުރަން ފެށޭނެ" ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޣައްޒާގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހުވެސް އިޒްރޭލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ވަރުގަދަ ހަމަލާތައް ދެމުން ގެންދިޔަ އެވެ. ޣައްޒާގެ ޑޮކްޓަރުން ބުނާ ގޮތުގައި ޖެނުއަރީ 18 ވަނަ ދުވަހުގެ ފަތިހު އިޒްރޭލުގެ ވައިގެ ހަމަލާއަކުން ޚާން ޔޫނިސްގެ ހުޅަނގުގައިވާ މަވާސީ ސަރަހައްދުގެ ޓެންޓެއްގައި 5 މީހުން ޝަހީދުވެފައިވެ އެވެ.

މިއާއެކު، ޖެނުއަރީ 15 ވަނަ ދުވަހު އެއްބަސްވުން އިއުލާންކުރި ފަހުން އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 119 އަށް ވަނީ އަރާފަ އެވެ.

އިޒްރޭލުގެ ވަޒީރުންގެ މަޖިލީހުން އެއްބަސްވުން ފާސްކުރުމަށްފަހު، މަޝްވަރާގައި އިސްކޮށް އުޅޭ އެމެރިކާގެ ބްރެޓް މެކްގާކް ބުނެފައިވަނީ ޕްލޭން ރޭވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށެވެ. ހުކުރު ދުވަހުގެ ހެނދުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި، ހުކުރު ދުވަހުގެ މެންދުރުފަހު ރެޑް ކްރޮސް މެދުވެރިކޮށް ތިން އަންހެން ރަހީނުން އިޒްރޭލަށް ދޫކޮށްލެވޭނެ ކަމަށް ވައިޓް ހައުސްއިން އުންމީދުކުރެ އެވެ.

ހަ މަރުހަލާއަކަށް ބަހާލައިގެން ތަންފީޒުކުރުމަށް ހަމަޖެހިފައިވާ މި އެއްބަސްވުމުގެ ދަށުން އިޒްރޭލުން ޖަލަށް ލާފައިވާ ފަލަސްތީނު މީހުން ދޫކޮށްލުމުގެ ބަދަލުގައި ހަމާސްގެ ބާރުގެ ދަށުގައިވާ ރަހީނުން ދޫކޮށްލުމަށް ވަނީ އެއްބަސްވެފަ އެވެ.އެގޮތުން 98 ރަހީނުންގެ ތެރެއިން އަންހެނުންނާއި، ކުޑަކުދިންނާއި، އަދި 50 އަހަރުން މަތީގެ ފިރިހެނުން ހިމެނޭ ގޮތަށް، މި މަރުހަލާގައި 33 މީހަކު ދޫކޮށްލަން ވަނީ ހަމަޖެހިފަ އެވެ. އިޒްރޭލު ޖަލުތަކުގައި ތިބި ހުރިހާ ފަލަސްތީނު އަންހެނުންނާއި 19 އަހަރުން ދަށުގެ ކުދިން ފުރަތަމަ މަރުހަލާ ނިމުމުގެ ކުރިން ދޫކޮށްލާނެ އެވެ.ޖެނުއަރީ 19 ވަނަ ދުވަހު ދޫކޮށްލަން ހަމަޖެހިފައިވާ 95 ފަލަސްތީނު ޖަލު ބަންދު މީހުންގެ ނަންތައް ޖެނުއަރީ 17 ވަނަ ދުވަހު އިޒްރޭލުގެ ޖަސްޓިސް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ. ޖެނުއަރީ 19 ވަނަ ދުވަހު ރަހީނުން ދޫކޮށްލުމަށްފަހު، މެކްގާކް ބުނާ ގޮތުގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ 7 ދުވަހުގެ ފަހުން އިތުރު 4 އަންހެން ރަހީނުން ދޫކޮށްލުމަށްފަހު، އޭގެ ފަހުން ކޮންމެ 7 ދުވަހަކުން އިތުރު 3 ރަހީނުން ދޫކޮށްލުމަށެވެ.

އިޒްރޭލުގެ ކެބިނެޓުގެ ބައެއް މެންބަރުން މި އެއްބަސްވުމާ ދެކޮޅެވެ. އެގޮތުން މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި ނަތަންޔާހޫގެ އިއްތިހާދު ސަރުކާރުގެ 24 ވަޒީރުން މި އެއްބަސްވުމަށް ތާއީދުކޮށް ވޯޓުދިން އިރު 8 މެންބަރުން ދެކޮޅަށް ވޯޓުދިނެވެ.ދެކޮޅުހަދާ ފަރާތްތަކުން ބުނެފައިވަނީ މި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ހަމާސްއަށް ބޯލެނބުން ކަމަށެވެ. ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމަރު ބެން-ގަވިރު ވަނީ އެއްބަސްވުން ފާސްކޮށްފިނަމަ އިސްތިއުފާދޭނެ ކަމަށް ބުނެ އެހެން ވަޒީރުންނަށް މި އެއްބަސްވުމާ ދެކޮޅަށް ވޯޓުދިނުމަށް ގޮވާލައިފަ އެވެ. ނަމަވެސް، އޭނާ ބުނެފައިވަނީ ސަރުކާރު ވައްޓާލުމަށް މަސައްކަތް ނުކުރާނެ ކަމަށެވެ.އޭނާގެ އިތުރުން ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ވެސް ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ 6 ހަފުތާގެ މަރުހަލާ ނިމުމަށްފަހު ހަމާސް ބަލިކުރުމަށް އަލުން ހަނގުރާމައަށް ނުދާނަމަ ސަރުކާރުން އިސްތިއުފާދޭނެ ކަމަށެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާތަކަށްފަހުގަ އެވެ. އެ ހަމަލާތަކުގައި އިޒްރޭލުގެ 1,200 މީހުން މަރުވެ، 250 މީހުން ރަހީނުންގެ ގޮތުގައި ގެންދެވުނެވެ.

އިޒްރޭލާއި ހަމާސްއާ ދެމެދު ހިނގި ހަނގުރާމައިގައި ޢުމްރާނީ ގޮތުން ތަރައްޤީވެފައިވާ ޣައްޒާގެ ގިނަ ސަރަހައްދުތައް ވަނީ ފުނޑުފުނޑުވެފަ އެވެ. އަދި 46,000 އަށްވުރެ ގިނަ މީހުން ޝަހީދުވި އެވެ.

މި ހަނގުރާމަ ހުއްޓާލުން ކާމިޔާބުވެއްޖެނަމަ، މެދުއިރުމަތީގައި ހަނގުރާމަ ފެތުރިފައިވާ މިންވަރު ވެސް މަޑުޖެހިދާނެ އެވެ. ޣައްޒާގެ ހަނގުރާމަ ފެތުރިގެން ގޮސްފައިވަނީ އީރާނާއި އޭގެ ޕްރޮކްސީތަކަށެވެ. އޭގެ ތެރޭގައި ލުބުނާނުގެ ހިޒްބުﷲ، ޔަމަނުގެ ހޫތީން އަދި އިރާޤާއި އޮކިއުޕައިޑް ވެސްޓް ބޭންކުގެ ހަތިޔާރުއެޅި ގްރޫޕުތައް ހިމެނެ އެވެ.

ޣައްޒާގެ ރައްޔިތުން ވަނީ ބަނޑުހައިހޫނުކަމާއި، ފިނިކަމާއި އަދި ބަލިމަޑުކަމުގެ ސަބަބުން އިންސާނީ ކާރިސާއަކާ ކުރިމަތިލާންޖެހިފަ އެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި އެހީތެރިކަން އިތުރުކުރުމަށް ގޮވާލާފައިވާއިރު، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ކާބޯތަކެއްޗާއި، ތެލާއި، ބޭހާއި އަދި އެހެނިހެން މުހިންމު ތަކެތި ޣައްޒާގެ ސަރަހައްދީ އިންތަކަށް ގެންދިއުމަށް ޓްރަކުތައް ވަނީ ތައްޔާރުކޮށްފަ އެވެ.