ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް، 2 ބޭފުޅުން މިއަދު ޢައްޔަން ކުރައްވައިފިއެވެ
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރެއްވީ އަޙްމަދު ނާޝިދު، މއ. ގޯލްޑަންމޫން އަދި އަބްދުﷲ ނާޝިދު، ރ. އަލިފުށި، ފަސާނާއެވެ.
މއ. ގޯލްޑަންމޫން، އަހްމަދު ނާޝިދަކީ ޕޮލިސް ބޯޑްގެ މެންބަރުކަމާއި، ކުރީގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
ރ. އަލިފުށި، ފަސާނާ، އަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އަބްދުﷲ ނާޝިދަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް މި ދެ ބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ދެ ބޭފުޅުންނާ ވަނީ ހަވާލުކޮށްދެއްވާފައެވެ.
އޭސީސީގެ ދެ ގޮނޑި ހުސްވީ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމާއި މެމްބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ. އެ ދެ މެންބަރުން އިސްތިއުފާ ދެއްވީ އެ ދެ މެމްބަރުންގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން މަޖިލީހުން ތައްޔާރުވެފައި ވަނިކޮށެވެ.
އޭސީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިބި މެންބަރުންނަކީ އާދަމް ޝާމިލް(ރައީސް) ޝިޔާމާ މުހަންމަދު އަދި ޝަޒްނާއެވެ.