2022 ވަނަ އަހަރުގެ އޮސްކާ އެވޯޑްގައި ވިލް ސްމިތުއާއި ކްރިސް ރޮކްއާ ދެމެދު ހިނގާދިޔަ ކަންތައްތަކަކީ އެ ދެތަރިންގެ ކެރިއަރަށް ވެސް އަސަރުކުރި ކަމެކެވެ.
އެގޮތުން އެއަށްފަހު ތިން އަހަރު ފާއިތުވެގެން ގޮސްފައިވާއިރު އަދިވެސް ވިލް ކްރިސްއަށް ނަފްރަތުކުރާ ކަމަށް ހޮލީވުޑްގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
އެ ކަންތައް ފެށިގެން އައީ 2022 ވަނަ އަހަރުގެ އޮސްކާ އެވޯޑުގެ ތެރެއިން ސްޓޭޖް މަތީގައި ވިލް ކްރިސްގެ މޫނު މަތީގައި ޖެހި ހިސާބުންނެވެ. ބުނެވޭ ގޮތުގައި ވިލް ކްރިސްގެ މޫނުގައި ޖެހީ ޝޯގެ ތެރެއިން ކްރިސް ބުނި ބަހެއް "ހަޖަމު ނުވެގެން"ނެވެ.
ވިލްގެ އެ އަމަލާއެކު އެކަޑަމީ އެވޯޑްސްގެ ހުރިހާ ހަރަކާތަކުން 10 އަހަރަށް ވިލް ސަސްޕެންޑް ކުރެވުނެވެ. އެއާއެކު އޭނާގެ ގިނަ ފިލްމުތަކެއް ފަސް ކުރެވުނުއިރު ގިނަ ބައެއްގެ ކުރިމަތީގައި އޭނާ ބަދުނާމުވި އެވެ.
ވިލް ބުނާ ގޮތުގައި ކްރިސްގެ މޫނުގައި ޖެހީ އޭނާ ނަމަވެސް އެކަމުން އެންމެ ގެއްލުންވީ އޭނާއަށެވެ. އެހެން ކަމުން މިއަދާ ހަމައަށް ވެސް ކްރިސްއަށް މައާފް ނުކުރާ ކަމަށާއި އެކަން ހިތުގައި ލައިގެން އުޅޭ ކަމަށް ހަބަރުތައް ބުނެ އެވެ.
ކްރިސްއަށް ބަލާލާއިރު ކްރިސް ވެސް އެކަމުން އަރައިގަނެފައިނުވާ ކަމަށާއި އެކަމުން ނަފްސާނީ އަސަރުތަކެއް ވެސް އޭނާއަށް ކޮށްފައިވާ ކަމަށް ކްރިސްގެ ފަރާތުން ވާހަކަދެއްކި މީހަކު ބުންޏެވެ.
އެ ހާދިސާއަށްފަހު ވިލްއާއި ކްރިސް ވެސް އެއްތަނަކުން ފެނިފައިނުވާއިރު އޮޅިގެން ނަމަވެސް އެއް ތަނަކަށް ދެވިއްޖެނަމަ އެކަކު އެތަނަކުން ނުކުމެ އެވެ.