ރައީސް މުހައްމަދު މުއިއްޒު އަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފާތިމަތު ޝަމްނާޒާއި އޭނާގެ އާއިލާ މެންބަރުން ސިޔާސީ މަގާމުތަކުން ވަކި ކޮށްފި އެވެ.

ޝަމްނާޒް ރައީސް މުއިއްޒުއާ "ގާތްވުމަށް" ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ. އޭނާ ހައްޔަރުކުރި އިރު ހުރީ އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

އޭގެ 7 މަސް ފަހުން ޝަމްނާޒް އާއި އޭނާގެ ދެ ކޮއްކޮއަކު މަގާމުން ވަކިކުރިކަން މިއަދު ވަނީ ރަސްމީކޮށް އަންގާފަ އެވެ. އޭގެ ތެރޭގައި ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒްއާ އެކު ހައްޔަރުކުރި އޭނާގެ ކޮއްކޮވެސް ހިމެނެ އެވެ.

އެނގިފައިވާ ގޮތުގައި މަގާމުން ވަކިކޮށްފައިވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމާއި ފޮރިން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުތައި ތިބި ޝަމްނާޒްގެ ދެ ކޮއްކޮ އެވެ.

ޝަމްނާޒްއަކީ ރައީސް މުއިއްޒުގެ އަރިސް ބޭފުޅެއް ކަމަށްވާ ކުރީގެ ރައީސް އޮފީސް މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. ރަމީޒުވެސް އެ ދުވަސްވަރު ވަނީ ރައީސް އޮފީސް މިނިސްޓަރު ކަމުން ވަކިކޮށްފަ އެވެ.

މީގެ އިތުރުން ސިޔާސީ ގޮތުން ރައީސް މުއިއްޒު ރޯލް މޮޑެލްގެ ގޮތުގައި ބައްލަވާ، ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުން އިބްރާހިމް ފައިސަލްވެސް ވަނީ މިއަދު ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކޮށްފަ އެވެ. މި ބަދަލު ގެންނަވާފައިވަނީ އަބްދުއްރަހީމާއި ރައީސް މުއިއްޒުގެ ގުޅުން ގޯސްވެފައިވާކަމުގެ އަޑުތައް އަރާފައިވަނިކޮށެވެ.