ބޮލީވުޑްއަކީ އެ ދާއިރާގައި ގިނަ ގުޅުންތަކެއް އުފެދޭ ދާއިރާ އެކެވެ. އެކުވެރިކަމާއި ލޯތްބެވެ. އެހެން ނަމަވެސް އެއް ދާއިރާގައި މަސައްކަތްކުރާ ދެތަރިންގެ މެދުގައި އެފަދަ ގުޅުމެއް އުފެދި އެ ގުޅުން ދެމިގެން ނުގޮސްފިނަމަ ބައެއް ފަހަރު ލަދުގަންނަން ވެސް ޖެހެ އެވެ. މި ލިޔުމުގައި މި ބަލާލަނީ ކުރީގެ ލޯބިވެރިންނަށް ފާޅުގައި ފުރައްސާރަކުރި ބޮލީވުޑް ތަރިންނަށެވެ.

ސާޖިދު ޚާން

ސާޖިދުއާއި ޖެކޮލީން

މަޝްހޫރު ޑިރެކްޓަރު ސާޖިދު ޚާންއާއި އެކްޓަރު ޖެކޮލީން ފެރްނާންޑޭޒްގެ ލޯބީގެ ގުޅުން ނިމުމަށްފަހު ސާޖިދު ވަނީ އޭނާގެ ފަހަތުގައި 24 ގަޑިއިރު އަންހެނަކު ޖައްސާފައި ނުހުންނާތީ މަސައްކަތުގައި ރަނގަޅަށް ކަންކަން ކުރެވޭ ކަމަށް ބުނެފަ އެވެ. ސާޖިދު އިޝާރާތް ކޮށްފައި އެވަނީ ޖެކޮލީންގެ ސަބަބުން އޭނާގެ މަސައްކަތަށް ބުރޫއަރާ ކަމަށެވެ.

އައިޝްވާރްޔާ ރާއީ

އައިޝްވާރްޔާ ރާއީއާއި ސަލްމާން ޚާން

އައިޝްވާރްޔާ ރާއީއާއި ސަލްމާން ޚާންގެ ގުޅުމަކީ ބޮލީވުޑަށް ލޯބިކުރާ ފަރާތްތަކަށް ސިއްރުވެފައި އޮތް ކަމެއް ނޫނެވެ. އެކުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ހަޑި ގޮތަކަށް އެ ގުޅުން ނިމުނުއިރު ގުޅުން ނިމުމަށްފަހު އައިޝްވާރްޔާ ބުނެފައިވަނީ އެމީހުން ރުޅިވުމަށްފަހު ވެސް ސަލްމާން އޭނާއަށް ގުޅައި ފުރައްސާރަ ކުރި ކަމަށާއި އެކުގައި މަސައްކަތްކުރާ ފިރިހެން ތަރިންނާއެކު ނާޖާއިޒު ގުޅުންތައް ބާއްވާ ކަމަށް ދޮގު ތުހުމަތު ވެސް ކުރި ކަމަށެވެ.

ޝާހިދު ކަޕޫރު

ޝާހިދުއާއި ކަރީނާ

ގާތްގަނޑަކަށް ތިން އަހަރު ދުވަހު އެކުގައި އުޅުމަށްފަހު ޝާހިދުއާއި ކަރީނާ ކަޕޫރު އެމީހުންގެ ގުޅުން ނިންމާލީ އެކުގައި މަސައްކަތްކުރި "ޖަބް ވީ މެޓް"ގެ ތެރެއިންނެވެ. އެ ގުޅުން ނިމުނު ފަހުން ކަރީނާއާއެކު ދެން ދުވަހަކު ވެސް މަސައްކަތް ކޮށްފާނަންތޯ އެހުމުން ޝާހިދު ބުނީ އޭނާގެ ޑައިރެކްޓަރު ބޭނުންވަނީ ގެރިއެއް ނުވަތަ ބަކަރިއަކާއެކު މަސައްކަތް ކުރުމަށް ނަމަ އެކަން ކުރަން ވެސް އޭނާ ފަސް ނުޖެހޭނެ ކަމަށެވެ.

ޝިލްޕާ ޝެޓީ

އަކްޝޭއާއި ޝިލްޕާ

90ގެ އަހަރުތަކުގައި ބޮލީވުޑުން އެންމެ މަޝްހޫރުވި އެއް ޖޯޑަކީ ޝިލްޕާ ޝެޓީއާއި އަކްޝޭ ކުމާރުގެ ޖޯޑެވެ. ދެމީހުން ވަކިވުމަށްފަހު ޝިލްޕާ ބުނެފައިވަނީ އަކްޝޭ އޭނާގެ ނާޖާއިޒު ފައިދާ ނެގުމަށްފަހު އެހެން މީހަކު ލިބުމުން އޭނާ ދޫކޮށްލީ ކަމަށާއި އެކަމުގެ ބަދަލު އޭނާއަށް ކޮންމެވެސް ދުވަހަކުން ލިބޭނެ ކަމަށެވެ.

ސައިފް އަލީ ޚާން

ސައިފް އަލީ ޚާންއާއި އަމްރިތާ ސިންހް

ސައިފް އަލީ ޚާންގެ އެންމެ ފުރަތަމަ ކައިވެނި އަމްރިތާ ސިންހްއާއެކު ކުރިއިރު އެ ކައިވެންޏަށް ދެ ދަރިން ވެސް ލިބުނެވެ. އެހެން ނަމަވެސް ވަރިވުމަށްފަހު ސައިފް ވަނީ އެ ދެމީހުންގެ ކައިވެނި ނިމުމަކަށް އައީ އޭނާގެ މަންމައާއި އެއްބަނޑު މީހުންނަށް އަމްރިތާ ފުރައްސާރަ ކުރާތީ ކަމަށް ބުނެފަ އެވެ.

ދީޕިކާ ޕަދުކޯން

ދީޕިކާ ޕަދުކޯންއާއި ރަންބީރު ކަޕޫރު

ދީޕިކާ ޕަދުކޯންއާއި ރަންބީރު ކަޕޫރުގެ ޖޯޑަކީ ވެސް ގިނަ ބައެއްގެ ލޯބި ހޯދި ޖޯޑެކެވެ. އެހެން ނަމަވެސް އެމީހުންގެ ގުޅުމުގައި ހުރި ގިނަ މައްސަލަތައް އޭރުވެސް މީޑިއާގައި އާއްމުވި އެވެ. ވަކިވުމަށްފަހު ކޮފީ ވިތު ކަރަންގައި ވާހަކަ ދައްކަމުން ދީޕިކާ ބުނީ ލޯބިވެރިއެއްގެ ގޮތުގައި ހުންނަންޖެހޭ ސިފަތައް ރަންބީރުގެ ކިބައިގައި ނެތް ކަމަށެވެ.