ބޮލީވުޑްގެ އެންމެ މައްސަލަ ބޮޑު އެއް ތަރި ރާކީ ސާވަންތު އަނެއްކާވެސް ކައިވެންޏެއް ކުރަން އުޅޭކަން އާއްމުކޮށް އިއުލާން ކޮށްފި އެވެ.

ދާދި ފަހުން ރާކީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުކުރި ޕޯސްޓެއްގައި އޭނާ ވަނީ ޕާކިސްތާނުގެ އެކްޓަރެއް ކަމަށްވާ ޑޮޑީ ޚާންއާ ކައިވެނިކުރަން އުޅޭ ކަމަށް ބުނެފަ އެވެ.

އެ ދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ކަމަށާއި ދެ ގައުމަކަށް ނިސްބަތްވުމަކީ މައްސަލައެއް ނޫން ކަމަށް ވެސް އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ރާކީ ބުންޏެވެ.

ޑޮޑީއާއެކު ރާކީ ކުރާ ކައިވެންޏަކީ އޭނާގެ ތިންވަނަ ކައިވެންޏެވެ. މީގެ ކުރިން އޭނާ ވަނީ ރިތޭޝް ސިންހްއާއި އާދިލް ޚާން ދުރާނީއާ ކައިވެނި ކޮށްފަ އެވެ.

އޭގެ ތެރެއިން އާދިލްއާއެކު ކުރި ކައިވެނި ނިމިގެން ދިޔައީ ވަރަށް ހަޑި ގޮތަކަށެވެ. އެ ދެމީހުން ވެސް އެކަކު އަނެކަކަށް ގިނަ ތުހުމަތުތަކެއް ކޮށް ފާޅުގައި ފާޑު ކިޔާފައިވެ އެވެ.

އެގޮތުން އެންމެ ފަހުން ދިން އިންޓަވިއުގައި ވެސް ރާކީ ވަނީ އާދިލް އޭނާގެ ނަން ބޭނުންކޮށްގެން އާއްމުންގެ ސަމާލުކަން ހޯދަން މަސައްކަތްކުރާ ކަމަށް ބުނެ އާދިލްއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.