ރިތިކް ރޯޝަންއާއި ސުޒޭން ޚާންއަކީ އެއްއިރެއްގައި ބޮލީވުޑްގެ އެންމެ ލޯބި ޖޯޑުތަކުގެ ތެރޭގައި ހިމެނުނު ޖޯޑެކެވެ.

14 އަހަރުގެ ކައިވެންޏަށްފަހު 2014 ވަނަ އަހަރު އެ ދެމީހުންގެ ކައިވެނި ރޫޅުމުން ގިނަ ބަޔަކަށް ސިހުމެއް ލިބުނެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ވަނީ އޭނާގެ ދަރިފުޅާއި ދަނބި ދަރިފުޅުގެ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

އެ އިންޓަވިއުގައި ރާކޭޝް ބުނީ ލޯބީގެ ގޮތުން ގުޅި ކައިވެނި ކުރީވެސް އެ ދެމީހުން ކަމަށާއި ދެބަސްވުމެއްގެ ސަބަބުން ވަކިވާން ވެސް ނިންމީ ހަމަ އެމީހުން ކަމަށެވެ.

އެހެން ނަމަވެސް އެކަމުގެ ސަބަބުން ސުޒޭންއާއި އެ އާއިލާއާ ދެމެދު އޮތް ގުޅުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށާއި ސުޒޭންއާ އަދިވެސް ރަނގަޅު ގުޅުމެއް އޮންނަ ކަމަށް ރާކޭޝް ބުންޏެވެ.

ރާކޭޝްގެ މި ވާހަކަތަކުން ދޭހަވާ ގޮތުގައި ރިތިކްއާއި ސުޒޭންގެ ކައިވެނި ރޫޅެން މެދުވެރިވީ އެ ދެމީހުންގެ މެދުގައި ހިނގި އާދައިގެ ދެބަސްވުމަކުން ކަމެވެ.

2000 ވަނަ އަހަރު ކައިވެނިކުރި ރިތިކްއާއި ސުޒޭންއަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ ރެހާން ރޯޝަންއާއި ރިދާން ރޯޝަން އެވެ.