މިދިޔަ ހަފްތާގައި ބޮލީވުޑްގެ ހަބަރުތަކުން އެންމެ ފާހަގަވި އެއް ހަބަރަކީ އެ ދާއިރާގެ އެންމެ މައްސަލަބޮޑު އެއް އެކްޓަރު ރާކީ ސާވަންތު ތިންވަން ފަހަރަށް ކައިވެންޏެއް ކުރަން އުޅޭ ހަބަރެވެ.
ޕާކިސްތާނުގެ އެކްޓަރެއް ކަމަށްވާ ޑޮޑީ ޚާންއާއެކު ކައިވެނި ކުރަން އުޅޭކަން އިއުލާން ކުރަމުން ރާކީ ބުނެފައިވަނީ އެ ދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ކަމަށެވެ.
އެހެން ނަމަވެސް އޭގެ ފަހުން ހަފްތާއެއް ނުވަނީސް ޑޮޑީ މިވަނީ ފާޅުގައި ރާކީއާއެކު ކައިވެނި ކުރަން އިންކާރުކޮށް އެންމެންގެ ތެރޭގައި ރާކީ ބޭޒާރު ކޮށްލާފަ އެވެ.
އިންސްޓަގުރާމުގައި ޑޮޑީ އާއްމުކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ އެންމެ ފުރަަތަމަ ރާކީއަށް ކައިވެންޏަށް ހުށައެޅީ ރާކީއަކީ ހިތްހެޔޮ މީހަކަށް ވުމުން ކަމަށާއި ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އެއީ ރަނގަޅު ނިންމުން ނޫންކަން އެނގުނު ކަމަށެވެ.
އެއާއެކު އޭނާ ރާކީއާ ކައިވެނި ނުކުރި ނަމަވެސް އޭނާގެ އެއްބަނޑު މީހަކު ރާކީއާ ކައިވެނި ކުރުވައި ޕާކިސްތާނުގެ "ދަނބި ދަރިއަކަށް" ރާކީ ހަދާނެ ކަމަށް ވެސް ޑޮޑީ ބުންޏެވެ.
ޑޮޑީގެ އެ ވީޑިއޯއަށް ކޮމެންޓް ކުރަމުން ރާކީ ވަނީ ރޯ މަންޒަރު ފެންނަ އިމޯޖީތަކަކާއި ހިތް ހަލާކުވެފައިވާ އިމޯޖީތަކެއް ފޮނުވާފަ އެވެ.
ރާކީ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައިވެ އެވެ. އެ ދެ ކައިވެންޏަށް ވެސް މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބުނުއިރު ކައިވެނިތައް ނިމިގެން ދިޔައީ ހިތި ގޮތަކަށެވެ.