މުޅި މާލެއިން ކަރަންޓް ކެނޑުމުން މައްސަލަ ހައްލުކޮށް 75 އިންސައްތަ ސަރަހައްދަށް އަލުން ކަރަންޓް ދީފި އެވެ.

ސްޓެލްކޯއިން ބުނީ މާލޭގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން ކަމަށެވެ.

އިންޖީނުގޭގެ އިންޖީނުތައް އަލުން ހިންގަން ފެށުމާއެކު، ކަރަންޓު މެދުކެނޑުނު ސަރަޙައްދުތަކަށް ޚިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި މި ވަގުތު މާލޭގެ 75 އިންސައްތަ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ވަނީ އަލުން ފޯރުކޮށްދެވިފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.

"ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. މި ކަމާ ގުޅިގެން ދިމާވާ ދަތިތަކަށް އިޚްލާޞްތެރިކަމާއެކު މަޢާފަށް އެދެން" ސްޓެލްކޯއިން ބުނެފައިވެ އެވެ.

މުޅި މާލެއިން ކަރަންޓް ކެނޑިފައިވަނީ މިއަދު ހެނދުނު 11:50 އެހާއިރު އެވެ.