ސަރުކާރާއެކު މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ހަދާފައިވާ ކޯލިޝަނުން ވަކިވާން ޖެހިދާނެ ކަމަށް ބުނެފި އެވެ.
ވިޔަފާރިވެރިޔާ އަހުމަދު ޝިޔާމް މުހައްމަދު ލީޑަރުކަން ކުރައްވާ އެމްޑީއޭއިން ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޮންގްރެސް ކޯލިޝަންގެ ކެނޑިޑޭޓު ރައީސް މުހައްމަދު މުއިއްޒު އަށް ތާއީދުކޮށް ކޯލިޝަން ހަދާފަ އެވެ.
އެމްޑީއޭގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު އާއި އެމްޑީއޭގެ ރައީސްއާ ދެމެދު އެކިފަހަރު މަތިން މަޝްވަރާކޮށް އެއްބަސްވެ ސޮއި ކުރައްވާފައިވާ އެގްރީމެންޓަށް އިހްތިރާމްކޮށް އަމަލުކުރުމަށް ރައީސް އަށް ވަރަށް އިހްތިރާމާއެކު ދަންނަވާ ކަމަށެވެ.
އަދި އެއްބަސްވުމާ އެއްގޮތައް އެމްޑީއޭގެ ރައީސްގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމާއި، އެމްޑީއޭ އިން ލިބުނު އެހީތެރިކަން މަތިން ހަދުމަ ނެތި އެއްބަސްވުމަށް އަމަލު ނުކުރައްވާ ނަމަ ސަރުކާރު ކޯލިޝަން އިން އެމްޑީއޭ ވަކިވާން ޖެހިދާނެކަމަށް އައްބާސް ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބުގައި ވެސް އެމްޑީއޭއިން ވަނީ ސަރުކާރާއެކު މަސައްކަތް ކޮށްފަ އެވެ. ރައީސާއި އެމްޑީއޭއާ މެދު ވެފައިވަނީ ކޮން އެއްބަސްވުމެއްކަމެއް އައްބާސް ހާމައެއް ނުކުރައްވަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީއޭގެ ރައީސް ސިޔާމާއި އައްބާސް ވަނީ އެކި ފަހަރުމަތިން ސަރުކާރުގެ ނިންމުންތަކާއި މެދު ހިތްހަމަ ނުޖެހި، މަޖިލިސް ތަޅުމުގައި ވާހަކަދައްކަވާފަ އެވެ. އޭގެ ތެރޭގައި ސަރުކާރުން ބައެއް ޓެކްސްތައް ބޮޑުކުރި މައްސަލައިގައި ސިޔާމުވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.