މަލައިކާ އަރޯރާ ޚާންއާއެކު އޮތް ލޯބީގެ ގުޅުން ނިމުނު ފަހުން ފުރަތަމަ ފަހަރަށް ބޮލީވުޑްގެ ތަރި އަރުޖުން ކަޕޫރު އޭނާގެ ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކައިފި އެވެ.
އަރްޖުން އޭނާގެ ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކާފައިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "މެރޭ ހަޒްބެންޑް ކީ ބީވީ"ގެ ޓްރެއިލާ ރިލީޒްކުރަން ބޭއްވި ހަފްލާގެ ތެރެއިން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
އަރުޖުން ބުނީ މިވަގުތު ކައިވެނީގެ އެއްވެސް ހިޔާލެއް އޭނާގެ ސިކުނޑީގައި ނެތް ކަމަށާއި އެހެން ނަމަވެސް ވަގުތު ޖެހުމުން އެކަން ހިއްސާ ކުރަން ފަސް ނުޖެހޭނެ ކަމަށެވެ.
"އަހަރެންގެ ޒާތީ ދިރިއުޅުމާ ބެހޭގޮތުން މީޑިއާގައި ވަރަށް ވާހަކަ ދެކެވޭ. މިއީ މެރޭ ހަޒްބެންޑް ކީ ބީވީއަށް ހާއްސަ ހަފްލާއެއް. އެހެންވީމަ މިތަނުގައި އެ ވާހަކަ ދެއްކުން ރަނގަޅުނުވާނެ" އަރުޖުން ބުނެފައިވެ އެވެ.
މި ބީދައިން އަރުޖުން ވާހަކަ ދައްކާފައި މިވަނީ ހަ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މަލައިކާއާއި އަރުޖުން އެމީހުންގެ ގުޅުން ނިންމާލާފައި ވަނިކޮށެވެ.
2018 ވަނަ އަހަރު ރައްޓެހިވި މަލައިކާއާއި އަރުޖުން ވަކިވެފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެކަން އަރުޖުން ވަނީ ޔަގީން ވެސް ކޮށްދީފަ އެވެ.