ނިކް ޖޯނަސްއާ ކައިވެނި ކުރުމުގެ ކުރިން ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ އުޅުނު ލޯބީގެ ގުޅުންތަކުގައި ހިތާމަތަކާ ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ބުނެފި އެވެ.
ޕްރިޔަންކާ މި ބީދައިން ވާހަކަ ދައްކާފައިވަނީ "ހާޕާސް ބާޒާރު"އަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުންނެވެ. އެ އިންޓަވިއުގައި އޭނާ ވަނީ އޭނާގެ ބައިވެރިޔާގެ ކިބައިގައި ހުންނަ ބޭނުންވާ ސިފަތައް ކިޔައިދީފަ އެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ބައިވެރިޔާގެ ކިބައިގައި ހުންނަން ބޭނުންވަނީ ތެދުވެރިކަން ކަމަށާއި އެ ސިފައާނުލާ ގުޅުމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ޕްރިޔަންކާ ބުންޏެވެ.
"އެންމެ ފުރަތަމަ ކަމަކީ ތެދުވެރިކަން. އެއީ ވަރަށް މުހިއްމު ސިފައެއް. މީގެ ކުރިން ވެސް ތެދުވެރިކަން ނެތުމުގެ ސަބަބުން ހިތާމަތަކާ ކުރިމަތިލާން ޖެހުނު"
ޕްރިޔަންކާ އިތުރަށް ބުނީ އޭނާ ބޭނުންވީ އޭނާ ފަދައިން އާއިލާއެއް ފަަށަން ބޭނުންވާ ބައިވެރިއެއް ކަމަށާއި އެކަން ނިކްގެ ފަރާތުން އޭނާއަށް ފެނުނު ކަމަށެވެ.
ނިކްގެ ކިބައިގައި ތެދުވެރިކަމާއި އިޚްލާސްތެރިކަމުގެ ސިފަ ނެތްނަމަ އޭނާއާ ކައިވެނި ނުކުރީސް ކަމަށް ވެސް ޕްރިޔަންކާ ބުނެފައިވެ އެވެ.
2018 ވަނަ އަހަރު ނިކްއާ ކައިވެނި ކުރުމުގެ ކުރިން ޕްރިޔަންކާ ވަނީ ބޮލީވުޑްގެ ބައެއް ތަރިންނާ ލޯބީގެ ގޮތުން ގުޅިފައިވެ އެވެ. އޭގެ ތެރޭގައި ހަރްމާން ބަވޭޖާއާއި ޝާހިދު ކަޕޫރު ހިމެނޭ ކަމަށް ބުނެވެ އެވެ.