ޖިންސީ ކުށްތަކެއްގެ ތުހުމަތުގައި ޖަލުގައި ބަންދު ކޮށްފައި ހުރި ކުރީގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޑިޑީ ޖަލުގައި ހުއްޓާ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ފެޑެރަލް ޖަލުން ޑިޑީ ބްރޫކްލިން ހޮސްޕިޓަލަށް ގެންދެވުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
ޑިޑީ ހޮސްޕިޓަލަށް ގެންދެވުނު ސީދާ ސަބަބެއް ނޭނގުނު ނަމަވެސް އެކަމާ ބެހޭގޮތުން މީޑިއާގައި އެކި ގޮތްގޮތަށް ދަނީ ވާހަކަ ދެކެވެމުންނެވެ.
އެގޮތުން އޭނާ ހޮސްޕިޓަލަށް ގެންދެވުނީ ޖަލު ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި އަނިޔާވެގެން ކަމަށް ބައެއް ހަބަރުތައް ބުނާއިރު އަނެއްބައި ހަބަރުތައް ބުނާ ގޮތުގައި އޭނާ ގެންދެވުނީ ކަކުލުގެ އުނދަގޫ ބޮޑުވެ އެމްއާރްއައި އެއް ހަދާށެވެ.
މީގެ ކުރިން 2017 ވަނަ އަހަރު ޑިޑީ ވަނީ އެއް އަހަރު ތެރޭގައި އޭނާގެ ކަކުލުގެ ތިން ސާޖަރީއެއް ކުރަން ޖެހުނުކަން ހާމަކޮށްފަ އެވެ.
ޑިޑީގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމާއި ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭއިރު އޭނާގެ މައްޗަށް އުފުލިފައިވާ ދައުވާތަކުގެ އަޑުއެހުން ތާވަލް ކުރެވިފައިވަނީ އަންނަ މަހަށެވެ.