ބޮލީވުޑްގެ މަޝްހޫރު ތަރި ކަންގަނާ ރަނޯޓްގެ ކާމިޔާބީތަކަށް ބޮޅެއް އިތުރު ކޮށް ހިމާޗަލް ޕްރަދޭޝްގައި ރެސްޓޯރެންޓް ވިޔަފާރިއެއް ފަށަން ތައްޔާރުވެއްޖެ އެވެ.

"ދަ މައުންޓެއިން ސްޓޯރީ"ގެ ނަމުގައި މި ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ހުޅުވަން ހަމަޖެހިފައިވާ ކެފޭ ސްޓައިލްގެ އެ ރެސްޓޯރެންޓަކީ ކަންގަނާގެ އެންމެ ފުރަތަމަ ރެސްޓޯރެންޓެވެ.

ހަބަރުތައް ބުނާ ގޮތުގައި މި ރެސްޓޯރެންޓް ހުޅުވުމުގެ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާއިރު ކަންގަނާ ވަނީ ރެސްޓޯރެންޓަށް އައުމުގެ އެންމެ ފުރަތަމަ ދައުވަތު ދީޕިކާ ޕަދުކޯންއަށް ދީފަ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ކަންގަނާއާއި ދީޕިކާ އެކުގައި ދިން އިންޓަވިއުއެއްގައި ރެސްޓޯރެންޓެއް ހުޅުވަން ބޭނުން ކަމަށް ކަންގަނާ ބުނުމުން އެ ރެސްޓޯރެންޓުން ޚިދުމަތް ހޯދާ ފުރަތަމަ މީހަކަށް ވާނެ ކަމަށް ދީޕިކާ ބުނެފައިވުމެވެ.

ފާއިތުވި އަހަރަކީ ކަންގަނާއަށް ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ބުނެވިދާނެ އެވެ. އެގޮތުން އިންޑިއާގެ ބީޖޭޕީގެ ފަރާތުން މަޖިލީހަށް އިންތިހާބުވިއިރު ޑައިރެކްޓަރެއްގެ ގޮތުގައި އޭނާގެ ފުރަތަމަ ފިލްމު ވެސް ވަނީ ރިލީޒް ކުރެވިފަ އެވެ.

އަމިއްލަ ރެސްޓޯރެންޓް ވިޔަފާރިއެއް ހިންގުމަކީ އަބަދުވެސް ދެކޭ ހުވަފެނެއް ކަމަށް ކަންގަނާގެ އިންޓަވިއުތަކުގައި އެކިފަހަރު މަތިން އޭނާ ބުނެފައިވެ އެވެ.