ޖަމާލުއްދީން ސުކޫލުން ކިޔަވައިގެން ނުކުތް ދަރިވަރުންގެ ތެރެއިން ފާހަގަކޮށްލެވޭ ދަރިވަރުންގެ މައުލޫމާތު އެ ސުކޫލުގެ ފޭސްބުކް އެކައުންޓުގައި ޕޯސްޓުކުރަމުން، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ މައުލޫމާތު ހިމެނޭ ޕޯސްޓު ނެގުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

މިކަމާއި ގުޅިގެން މެންބަރު މީކާއިލް ނަސީމް ވިދާޅުވީ ޖަމާލުއްދީން ސްކޫލުގެ މެނޭޖްމަންޓާއި މުދައްރިސުން އޭނާއަށް އެ ޝަރަފު ދިނުމަށް ނިންމެވި ކަމަށްޓަކައި ވަރަށް ޝުކުރުވެރިވާ ކަމަށާއި ނަމަވެސް، މިނިސްޓްރީން ކުރި ޕްރެޝަރާއެކު އެ ޕޯސްޓް ޑިލީޓްކުރަން ޖެހުނު ކަމާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުނު ކަމަށެވެ.

"މިހާ ކުދިކުދި ކަންކަމުގައި ވެސް މިގޮތަށް ބާރުފޯރުވައި، މިފަދަ ދަށުދަރަޖައިގެ ޢަމަލުތައް ހިންގާތަން އެހެން އެއްވެސް ސަރުކާރެއްގެ ދުވަހަކުވެސް ފެނިފައެއް ނުވޭ" މީކާއިލް ވިދާޅުވި އެވެ.

ޖަމާލުއްދީނުން މީކާއިލްގެ ތައުލީމާއި ކާމިޔާބީތަކާ ގުޅޭގޮތުން މިއަދު ކުރި ޕޯސްޓުގައި ވަނީ މީކާއީލަކީ ރާއްޖޭގެ ތާރީޚުގައި ވެސް މަޖިލީހަށް ހޮވިވަޑައިގެންނެވި އެންމެ ޒުވާން މެމްބަރުންގެ ތެރޭގައި ހިމެނޭ ފަރާތެއްކަން ފާހަގަކޮށްފައެވެ. އަދި ސްކޫލު ދައުރުގައި މީކާއީލަކީ ފާހަގަކޮށްލެވޭ ދަރިވަރެއް ކަމަށާއި 2015ވަނަ އަހަރު ކެމްބްރިޖް ކޮމޮންވެލްތް ސްކޮލާޝިޕްގެ ދަށުން އޭނާ ބެޗެލާސް ޑިގްރީ ހާސިލްކޮށްފައި ވާކަން މި ޕޯސްޓުގައި ފާހަގަކޮށްފައި ވެއެވެ.

މި ޕޯސްޓުގައި ވަނީ މީކާއީލް މަޖިލީހުގައި ހޯދާފައިވާ ކާމިޔާބީތައް ވެސް ފާހަގަކޮށްފަ އެވެ.

ޕޯސްޓު ޑިލީޓްކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.