އައްޑޫއަކީ އޭނާއާ ބެހޭ ތަނެއް ނޫން ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ކޯފާ އިސްކުރައްވައިފި އެވެ.
ޣައްސާން އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިއަދު ބައްދަލުވެ، އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. މެންބަރު އަބްދުއްރަހްމާން ކުރެއްވި ސުވާލަކީ އޭނާ ގުޅުމުން ޣައްސާން ފޯނު ނުނަންގަވަނީ ކީއްވެތޯ ކަމަށެވެ.
މެންބަރު އަބްދުއްރަހްމާން ވަނީ އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން އެމަނިކުފާނަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެކަމަކު ރައީސް މުއިއްޒަށް އެ ސިޓީ ލިބުނުކަމެއް ނޭނގެ އެވެ.
އެ ސިޓީގައި އަބްދުއްރަހްމާން ވިދާޅުވީ ޣައްސާން ވަނީ އައްޑޫ މީދޫ ރައްޔިތުންނާއި އައްޑޫ ރައްޔިތުންނަށް އަދި ޖުމްލަކޮށް ދިވެހި ރައްޔިތުންނަށް ނިސްބަތްކޮށް ވަރަށް ނިކަމެތި ގޮތަކަށް ޣައްސާން ވާހަކަ ދެއްކެވުމުން އެކަން ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށެވެ.
"ރިޔާސީ ބަޔާނަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ތެރެއިން ވަޒީރު ޣައްސާން މައުމޫން އާއި އަޅުގަނޑު ބައްދަލުވުމުން، އައްޑޫ ރައްޔިތުންގެ މަސްލަހަތު ބޮޑު ދެ ކަމެއްގައި ވަޒީރަށް އަޅުގަނޑު ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާ އޮތް ވާހަކަ އަޅުގަނޑު ދެންނެވިން. އަޅުގަނޑު މިހެން ދެންނެވުމުން ވަޒީރު ކޯފާ އިސްކުރެއްވި،" އަބްދުއްރަހްމާން ވިދާޅުވި އެވެ.
މެންބަރު އަބްދުއްރަހްމާން މިއަދު ޣައްސާނާ ސުވާލުކުރުމުން ކޯފާ އިސްކުރައްވާ ވިދާޅުވީ "ކަލޭމެން ގުޅައިގެން ފޯނަށް ޖަވާބު ދޭކަށް ނުޖެހޭނެ. އައްޑޫއަކީ މަށާ ބެހޭ ވެސް ތަނެއް ނޫން" ކަމަށެވެ.
އަބްދުއްރަހްމާން ވިދާޅުވީ ރިޔާސީ ކެމްޕޭން ތެރޭގައި އައްޑޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް މުއިއްޒަށް ވޯޓު ދީފިނަމަ، އައްޑޫ ރައްޔިތުން ދުވަހަކު ވެސް އެހެން ބަޔަކަށް ވޯޓު ނުދެވޭވަރު ކޮށްދޭނެ ކަމަށް ޣައްސާން ވިދާޅުވި ކަމަށެވެ. އެހެންވެ މިއަދު އެ ވާހަކަ ޣައްސާނަށް ހަނދުމަކޮށް ދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަށް ވެސް ޣައްސާން ދެއްވީ ވަރަށް ވަރަށް ހުތުރު، ވަރަށް ދަށު ދަރަޖައިގެ ރައްދެކެވެ.
"ތިމަންނަ އައްޑޫއަށް ދިޔައީ ކަލޭމެން އައްޑޫ މީހުން އެދިގެން. އައްޑޫއަކީ މަށާ ބެހޭ ވެސް ތަނެއް ނޫން، މިފަދައިން ޣާއްސަން މިއަދު ވިދާޅުވީ،" މެންބަރު އަބްދުއްރަހްމާން ވިދާޅުވި އެވެ.
މިއަދު އެ ކުރި ދަށު ދަރަޖައިގެ އަމަލާ ގުޅިގެން އައްޑޫ ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ޣައްސާނަށް ދަންނަވައިދިނުމަށް އަބްދުއްރަހްމާން ވަނީ ރައީސް މުއިއްޒުގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި ވަޒީރުކަމުގެ ހުވާ އަލުން ޣައްސާނަށް ލައިދެއްވުމަށް ވެސް އަބްދުއްރަހްމާން ރައީސް މުއިއްޒު އަރިހު ދެންނެވި އެވެ.