މިދިޔަ ހަފްތާގައި އޮތް މިއުޒިކްގެ އެންމެ ބޮޑު ހަފްލާއިން އެންމެ ބޮޑަށް ފާހަގަ ވެގެން ދިޔައީ އެ ހަފްލާއަށް ހޮލީވުޑްގެ ތަރި ބިއަންކާ ސެންސޮރީ ލައިގެންދިޔަ ހެދުމެވެ.
އާއްމު އަހްލާގީ މިންގަނޑަށް ނުފެތޭ ނިވާކަން ކުޑަ އެ ހެދުމުގެ ސަބަބުން ބިއަންކާއާއި އޭނާގެ ފިރިމީހާ ކާންޔޭއަށް ފާޑުކިޔުން އަމާޒުވަމުން އަންނައިރު އެ މައްސަލައިގައި ބިއަންކާ ހައްޔަރު ކޮށްފާނެކަމުގެ ބިރުވެސް ހީވި އެވެ.
އެހެން ނަމަވެސް ލޮސް އެންޖެލަސްގެ ޕޮލިސް ޑިޕާޓްމަންޓުން ބުނީ ބިއަންކާއާ ދެކޮޅަށް ރަސްމީކޮށް އެއްވެސް ޝަކުވާއެއް ހުށައަޅާފައިވާ ނުވާ ކަމަށާއި އެހެން ކަމުން އޭނާ ހައްޔަރު ނުކުރެވޭނެ ކަމަށެވެ.
ގްރެމީއަކީ ޕްރައިވެޓް އިވެންޓަކަށްވާއިރު އެ ހަފްލާގައި ހިނގާ ކަމެއްގެ ޝަކުވާއެއް ނުލިބޭ ނަމަ އެކަމަށް ސަލާމަތީ ބާރުތަކުން ފިޔަވަޅު ނާޅާނެ ކަމަށް ލޮސް އެންޖެލަސްގެ ގާނޫނީ ވަކީލަކު ވެސް ބުނެފައިވެ އެވެ.
ގްރެމީ އެވޯޑްސް ނިންމާލުމަށްފަހު އެ ހަފްލާގެ އާޕްޓާ ޕާޓީއަށް ވެސް ބިއަންކާ ގޮސްފައިވަނީ ހަމަ އެ ހެދުމުގައިކަން ފާހަގަ ކުރެވެ އެވެ.
ބިއަންކާ އެ ހެދުން ލައިގެން ހުރީ ކާންޔޭ މަޖުބޫރުކުރުވުމުން ކަމަށް ބުނެ ކާންޔޭއަށް އަމާޒުވާ ފާޑުކިޔުންތައް ވެސް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.