ގާނޫނީ ކޯޅުމެއްގެ ތެރޭގައި މިހާރު ވެސް ބަނދެވިފައިވާ ހޮލީވުޑްގެ ތަރި ބްލޭކް ލައިވްލީއަށް އަނެއްކާވެސް އަބުރުގެ ދައުވާއެއް ކޮށްފި އެވެ.

އެމެރިކާގެ ކްރައިސިސް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ "ސްޓްރީޓް ރިލޭޝަންސް"އިން ކޯޓަށް ހުށައަޅާފައިވާ އެ މައްސަލާގައި ބުނެފައި ވަނީ ބްލޭކްގެ އަމަލުތަކުގެ ސަބަބުން އެ ކުންފުނީގެ ނަމަށް ހުތުރު އަރާފައިވާ ކަމަށެވެ.

ބްލޭކްއާއި "އިޓް އެންޑްސް ވިތު އަސް"ގެ ޑިރެކްޓަރު ޖަސްޓިން ބެލްޑޯނީއާ ދެމެދު ކުރިއަށްދާ މައްސަލައިގެ ތެރެއަށް އެ ކުންފުނީގެ ނަން ވެއްދުމުން ލިބުނު ގެއްލުންތަކުގެ ބަދަލަށް ހަތް މިލިއަން ޑޮލަރު ހޯދަން އެ ދައުވާގައި އެދިފައިވެ އެވެ.

"ސްޓްރީޓް ރިލޭޝަންސް"އިން މިފަދަ މައްސަލައެއް ހުށައަޅާފައި މިވަނީ އެ ކުންފުންޏާއި ޖަސްޓިންއާ ގުޅިގެން ބްލޭކްގެ އަބުރަށް ގެއްލުންވާ ފަދަ ކެމްޕެއިނެއް ކުރިއަށް ގެންދިޔަ ކަމަށް ބްލޭކް ބުނެފައި ވަނިކޮށެވެ.

އެ ކުންފުނީގެ އިސްވެރިޔާ ޖެޑް ވެލެސް ބުނީ ބްލޭކްގެ އަމަލުތަކުގެ ސަބަބުން އެ ކުންފުންޏަށާއި ކުންފުނީގެ ހިއްސާވާ އެންމެންނަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ.

ބްލޭކްއާއި ޖަސްޓިންއާ ދެމެދު ޖިންސީ ފުރައްސާރައާއި އަބުރުގެ ދައުވާ ބަދަލު ކުރެވި މައްސަލަތައް ކުރިއަށްދާއިރު އެ މައްސަލައަށް މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބެ އެވެ.