ހަތަރުވަނަ ފަހަރަށް ވެސް ކައިވެނި ކުރަން ބޭނުން ކަމަށް ބޮލީވުޑްގެ މަޝްހޫރު މިއުޒިޝަން އަދި ލަވަކިޔުންތެރިޔާ ލަކީ އަލީ ބުނެފި އެވެ.

މިފަހުން އޮތް އިވެންޓެއްގައި މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ކޮބައިތޯ ކުރެވުނު ސުވާލަށް ޖަވާބު ދެމުން މިހާރު އުމުރުން 66 އަހަރުގެ ލަކީ ބުނީ ހުވަފެނަކީ އަނެއްކާ ވެސް ކައިވެނި ކުރުން ކަމަށެވެ.

ލަކީ ވަނީ މީގެ ކުރިން ތިން ކައިވެންޏެއް ކޮށްފަ އެވެ. އެ ތިން ކައިވެނި ވެސް އޭނާ ކޮށްފައިވަނީ އިންޑިއާއިން ބޭރުގެ އަންހެނުންނާކަން ފާހަގަ ކޮށްލެވެ އެވެ.

ލަކީ އަލީ އޭނާގެ ތިން އަނބިންނާއެކު

އެގޮތުން 1996 ވަނަ އަހަރު އޮސްޓްރޭލިއާގެ އަންހެނަކާ އޭނާ އެންމެ ފުރަތަމަ ކައިވެނި ކުރިއިރު އޭނާގެ ދެވަނަ ކައިވެނިކުރީ އިނާޔާ ނަމަކަށް ކިޔާ އީރާން އަންހެނަކާ އެވެ. އެއަށްފަހު 2010 ވަނަ އަހަރު އިނގިރޭސި ވިލާތުގެ އަންހެނަކާ ވެސް ލަކީ ކައިވެނި ކުރި އެވެ.

ލަކީގެ ފުރަތަމަ ދެ ކައިވެނިން އޭނާއަށް ހަތަރު ކުދިން ލިބުނުއިރު ތިންވަނަ ކައިވެނި ނިމުމަކަށް އައިއިރު އެއްވެސް ދަރިއަކު ނުލިބެ އެވެ.

ލަކީއަކީ 1990ގެ އަހަރުތަކާއި 2000ގެ ކުރީކޮޅު އާއްމުންގެ މަގުބޫލުކަން ހޯދި ލަވަކިޔުންތެރި އެކެވެ. އޭނާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "އޯ ސަނަމް" އަދި "އެކް ޕަލް ކާ ޖީނާ" ހިމެނެ އެވެ.