އިސްލާމް ދީނާ ދެކޮޅަށް ފާޅުގައި ވާހަކަ ދެއްކި ސްޕެއިންގެ އެކްޓަރު ކާރްލާ ސޯފިއާ ގްރޭސަންގެ ޓްވީޓުތައް އަލުން ފެންމަތިވެ ހޫނު ފެނަށް ވެއްޓުމުން އެންމެ ފަހުން އޭނާ މައާފަށް އެދެފި އެވެ.
ކާރްލާގެ ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް އޭނާ އާއްމުކުރި ބަޔާނުގައި ބުނެފައިވަނީ އޭނާގެ ސަބަބުން ގިނަ ބަޔަކަށް އަސަރު ކޮށްފައިވާކަން އެނގޭ ކަމަށާއި އެކަމަށް ހިތުގެ އެންމެ އަޑިން މައާފަށް އެދޭ ކަމަށެވެ.
ކާރްލާ މައާފަށް އެދިފައި މިވަނީ ހޮލީވުޑްގެ ގިނަ ފަރާތްތަކުން ވެސް އޭނާއާ ދުރަށް ޖެހި އޭނާއަށް އެހީވާން ދެކޮޅު ހަދާފައި ވަނިކޮށެވެ.
އެގޮތުން ސޯފިއާ އެންމެ ފަހުން ފެނިގެންދިޔަ އެމީލިއާ ޕެރޭޒްގެ ޑައިރެކްޓަރު ޖެކެސް އޯޑިއާޑް ބުނީ ކާރްލާގެ ޓްވީޓްތަކަކީ ނަފްރަތަށް މަގުފަހި ކުރުވާ ޓްވީޓްތަކެއް ކަމަށާއި އެހެން ކަމުން އޭނާއާ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ.
މީގެ އަހަރުތަކެއް ކުރިން އެކްސްގައި ކުރި ޓްވީޓެއްގައި ކާރްލާ ބުނެފައިވަނީ އިސްލާމް ދީނަކީ އިންސާނިއްޔަތަށް ހުރި "ހުތުރެއް" ކަމަށެވެ. އޭގެ އިތުރުން އޭނާ ވަނީ 2020 ވަނަ އަހަރު މަރާލެވުނު ޖޯޖް ފްލޮއިޑްއަކީ ޑްރަގް އެޑިކްޓެއް ކަމަށް ވެސް ބުނެފަ އެވެ.
މި ޓްވީޓްތައް ފެންމަތިވުމާއެކު ގިނަ ބަޔަކު އޭނާއަށް ސޯޝަލް މީޑިއާގައި ފާޑު ކިޔަން ފަށައި އޭނާގެ ބަސްތަކަކީ އާއްމުންގެ މަސްލަހަތަށް ބެލުމެއް ނެތި ބުނެފައިވާ ބަސްތަކެއް ކަމަށް މީހުން އަންނަނީ ބުނަމުންނެވެ.
ކާރްލާގެ މި މައްސަލަ ގަނޑުގެ ސަބަބުން އޮސްކާއަށް ނޮމިނޭޓް ވެފައި އޮތް އޭނާގެ ފިލްމު "އެމީލިއާ ޕެރޭޒް"އަށް ވެސް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ބެލެވެ އެވެ.