ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްއިން ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ބޭރުކުރަން އެ ކުންފުނީގެ ވެރިޔާ އިލަން މަސްކްއަށް ހޮލީވުޑްގެ ތަރި ޑޭވިޑް ޝްވިމާ ގޮވާލައިފި އެވެ.

ޑޭވިޑްގެ އިންސްޓަގްރާމްގައި ހޮނިހިރު ދުވަހު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކާންޔޭއަކީ އާއްމުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތްކުރާ މީހެއް ކަމަށެވެ.

"ނަފްރަތު އުފައްދަން މަސައްކަތްކުރާ މީހެއްގެ މަސައްކަތެއް ނުހުއްޓުވޭނެ. އެކަމަކު އޭނާއަށް މެގަފޯނެއް ދިނުން ހުއްޓުވިދާނެ." އެކްސްގައި ޚިޔާލު ފާޅުކުރަން އޮތް ފުރުސަތަށް ނިސްބަތްކޮށް ޑޭވިޑް ބުންޏެވެ.

https://www.instagram.com/p/DF0_8pfyLt1/?utm_source=ig_embed&ig_rid=c0f29e6c-a8cb-4f4c-8d92-48191467a741

ޑޭވިޑް މި ބީދައިން ވާހަކަ ދައްކާފައި މިވަނީ އެކްސްގައި ޔަހޫދީންނާ ދެކޮޅަށް ކާންޔޭ ޝުއޫރު ފާޅުކޮށް ޓްވީޓްތަކެއް ކޮށްފައި ވަނިކޮށެވެ.

އެ ޓްވީޓްތަކުގައި ކާންޔޭ ބުނެފައިވަނީ ޔަހޫދީންނަކީ އެހެން މީހުންގެ ލޭ ބޯ ބައެއް ކަމަށާއި އޭނާގެ ބަސްތަކަށް މައާފަށް ނޭދޭނެ ކަމަށެވެ. ކާންޔޭ ވަނީ އެތައް ހާސް ޔަހޫދީންނެއް މަރާލި ހިޓްލަރު ދިފާއުކޮށް އޭނާއަށް ތާއީދު ކޮށްފަ އެވެ.

ޔަހޫދީ ދީނަށް އަޅުކަންކުރާ ޑޭވިޑް ފާޅުގައި ކާންޔޭއަށް ފާޑުކިޔާފައި މިވަނީ އޭނާގެ ދީނަށް ކާންޔޭ ފުރައްސާރަ ކުރުމުން ކަމަށް ބެލެވެ އެވެ.

މަޝްހޫރު ޓީވީ ސިޓްކޮމް ފްރެންޑްސް އިން ވެސް ފެނިގެންދިޔަ ޑޭވިޑްއަކީ ޔަހޫދީންގެ ހައްގުގައި އަބަދުވެސް ވަކާލާތުކުރާ މީހެކެވެ.