ޒާތީ ދިރިއުޅުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތި ލުމަށްފަހު ހޮލީވުޑްގެ މަޝްހޫރު ތަރި އެންޖެލީނާ ޖޯލީ އެމެރިކާގެ ލޮސް އެންޖެލަސް ދޫކޮށް ދާން މަސައްކަތް ކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ކުރީގެ ފިރިމީހާ ބްރެޑް ޕިޓްއާއެކު ކުރިއަށްދިޔަ ކޯޓު ހަނގުރާމައަށްފަހު އެންޖެލީނާ މިހާރު ހުރީ ލޮސް އެންޖެލަސް މަތިން ފޫހިވެފަ އެވެ.

އެހެން ކަމުން އެ ސިޓީ ދޫކޮށް އެހެން ތަނަކަށް ދިރިއުޅުން ބަދަލު ކުރަން އޭނާ ވަރަށް ބޭނުންވާ ކަމަށް އޭނާގެ ގާތް ފަރާތްތަކުން ބުނެ އެވެ.

އޭނާ އެމެރިކާ ދޫކޮށް ދާން ބޭނުންވާ އިތުރު އެހެން ސަބަބަކީ ހޮލީވުޑްގައި އޭނާގެ މަސައްކަތްތައް ފަނޑުވުމެވެ. ދާދި ފަހުން އޭނާއަށް ލިބޭނެ ކަމަށް ބެލެވުނު އެވޯޑެއް ވެސް ނުލިބި ގޮސްފި އެވެ.

އެހެން ނަމަވެސް އެންޖެލީނާގެ އެ ނިންމުމަށް އޭނާގެ ހަ ދަރިން ގަބޫލު ނޫން ކަމަށާއި އުޅެ ބޮޑުވި ގެ ދޫކޮށް ދާން އެ ކުދިން ބޭނުންނުވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

ބުނެވޭ ގޮތުގައި ހޮލީވުޑް ދޫކޮށް އެންޖެލީނާ ދާން ގަސްދު ކުރަނީ ޔޫރަޕް ނުވަތަ ކެމްބޯޑިއާ އަށެވެ. ކެމްބޯޑިއާއަކީ އެންޖެލީނާގެ އިންސާނީ އެހީގެ އެތައް ކަމެއް ހިންގާފައިވާ ގައުމެކެވެ.