މިދިޔަ މަހު ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންގެ ގެއަށް ވަގަކު ވަދެ ދިން ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް އޭނާ މީޑިއާއަށް އިންޓަވިއުއެއް ދީފި އެވެ.
ދިއްލީ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ސައިފް ވަނީ އޭނާއަށް ހަމަލާ އަމާޒުވި ދުވަހުގެ ތަޖުރިބާ އާއްމުންނާ ހިއްސާ ކޮށްފަ އެވެ.
ސައިފް ބުނީ ހަމަލާ އަމާޒުވިއިރު އޭނާގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތް ނަމަވެސް ހަމަލާއަށްފަހު ކަނޑިއެއް ހިފައިގެން ވަގުކަލޭގެ ފަހަތުން ދާން ހުރި ކަމަށާއި އެހެން ނަމަވެސް އޭނާ ހުއްޓުވީ އަންހެނުން ކަރީނާ ކަޕޫރު ކަމަށެވެ.
އެއާއެކު ސައިފްގެ ގެއަށް ވަތް ވަގަކީ ވަރަށް ދެރަވަރުގެ މީހެއް ކަމަށާއި އެ ވަގުގެ ހާލަތު ސައިފްއަށް ވުރެ ވެސް ދެރަ ކަމަށް އޭނާ ބުނެފައިވެ އެވެ.
ސައިފްއަށް ހަމަލާ އަމާޒުވުމުން އޭނާގެ އާއިލާ އަމަލުކުރީ ކިހިނެއްތޯ ސުވާލު ކުރުމުން ސައިފް ބުނީ ކަރީނާ ހާސްވެގެން ގިނަ ފޯނުތަކެއް ކުރިއިރު ހަމަލާއަށްފަހު އޭނާގެ ހަގު ދަރިފުޅު ޖެހް އޭނާއަށް ޕްލާސްޓިކް ކަނޑިއެއް ދިން ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ސައިފްއާއި އޭނާގެ އާއިލާ ދިރިއުޅެމުން އައި ގެއަށް ފޭރެން ވަތް ވަގަކު ހުއްޓުވުމުގެ ތެރޭގައި އެމީހާ ވަނީ ސައިފްގެ ހަށިގަނޑުގެ ތިން ތަނަކަށް ވަޅި ހަރާފަ އެވެ.
ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ގާތްގަނޑަކަށް ފަސް ވަރަކަށް ދުވަހު ފަރުވާ ހޯދުމަށްފަހު އެނބުރި ގެއަށް އައި ސައިފް އޭގެ ފަހުން މީޑިއާއަށް އިންޓަވިއުއެއް ދީފައި މިވަނީ އަލަށެވެ.