މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި ޑްރައިވަރުންނާއި ޓޯކުރި ޓެކްސީތައް ދޫކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ޑްރައިވަރުންގެ މުޒާހަރާއަށް ފުލުހުން ހުރަސް އަޅައި ޓެކްސީ ޑްރައިވަރުންތަކެއް ހައްޔަރު ކޮށްފައި ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި މުދާ މިލްކުކުރުމާއި މަސައްކަތް ކުރުމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް ކަމަށް ބުނެ ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް އެވެ.
ކުއްލި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ވޯޓަށް އެހުމުން ހާޒިރުވި 64 މެންބަރުންގެ ތެރެއިން 63 މެންބަރަކު، އެ ކުއްލި މައްސަލަ ބަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވި އެވެ.
ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ހިދުމަތް ދޭން ތައްޔާރުވަމުންދާތީ އެކަމާ ދެކޮޅަށެވެ.
މެންބަރު މީކާއީލް ކުއްލި މައްސަލަ ހުށަހަޅަމުން ވިދާޅުވެފައި ވަނީ އެކަމަކީ ޓެކްސީ ޑްރައިވަރުން އަދި އެ ޓެކްސީ ޑްރައިވަރުންގެ އާއިލާތައް ކާންބޯންކުރާ މަސައްކަތަށް ހުރަސްއެޅި އެ އާއިލާތައް ބިކަވެ، ހާލުގައި ޖެހޭނެކަމެއް ކަމަށް ފެންނަ ކަމަށެވެ. އަދި ސުލްހަވެރި އިހްތިޖާޖަކީ ގާނޫނުން ކަށަވަރުކޮށްދޭ ކަމަކަށް ވީހިނދު، އެ އިހުތިޖާޖުގެ ސަބަބުން ބައެއްގެ މުދަލަކަށް އަދި ފުރާނައަށް ވެސް ގެއްލުމެއް ލިބިފައިނުވާހިނދު، ޓެކްސީ ޑްރައިވަރުންގެ ޝުޢޫރުތަކަށް ބީރުކަންފަތެއް ދީ އިހްތިޖާޖު ކުރުމަކީ ކުށަކަށް ހަދައި އެ ޑްރައިވަރުން ހައްޔަރުކޮށް ޓެކްސީތައް ޓޯކުރުން ކުށްވެރިކޮށް މީކާއިލްގެ ކުއްލި މައްސަލައިގާ ގޮވައިލެއްވީ އެ ޓެކްސީ ޑްރައިވަރުން ދޫކޮށްލާ އަދި ޓެކްސީތައް ވެސް ދޫކޮށްލުމަށެވެ.
ފުލުހުން އެގޮތަށް އަމަލު ކުރި ނަމަވެސް ގާނޫނުއަސާސީގައި ބަޔާންވެފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ގާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާކަން ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް ސަރުކާރުން އަމަލު ކުރަމުން ދަނީ ފަހަރަކު ހައްގަކަށް އަމާޒު ކޮށްފެން އެ ހައްގުތައް އުނިކޮށް ގައިދު ކުރަމުން ގޮސް ނިޒާމީ ސިފައެއްގައި ރައްޔިތުންގެ މިނިވަން ކަމާއި އަސާސީ ހައްގުތައް ދާއިމީ ގޮތެއްގައި ނަގައިލުމުގެ ނިޔަތުގައި ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.
މީކާއިލްގެ މައްސަލައިގައި ގޮވާލައިފައި ވަނީ އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނަ ފަދަ އަމަލުތައް މިހާރުން މިހާރަށް ހުއްޓައިލުމަށެވެ. އަދި ޓެކްސީ މުޒާހަރާގެ ތެރެއިން ޓޯކުރި ޓެކްސީތައް މިހާރުން މިހާރަށް ދޫކޮށްލުމަށް އެ މައްސަލައިގައި ގޮވާލައިފައިވެ އެވެ.