އިންޑިއާގެ މުމްބާއީގައި މިފަހުން އޮތް ކައިވެންޏެއްގައި މަޝްހޫރު އިނގިރޭސި ރެޕް ލަވަކިޔުންތެރިޔާ އޭކަންގެ ހުށައެޅުމެއް ފެނިގެން ގޮސްފި އެވެ.

ބޮލީވުޑްގެ ބައެއް ތަރިން ވެސް ފެނިގެންދިޔަ އެ ކައިވެނީގައި އޭކަން ވަނީ އޭނާގެ މަޝްހޫރު ބައެއް ލަވަތައް ކިޔައިދީފަ އެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ ފިލްމެއް ކަމަށްވާ "ރާވަން" އަށް އޭނާ ކިޔައިދިން "ޗައްމަކް ޗައްލޯ" ވެސް ހިމެނެ އެވެ.

އެ ކައިވެނީގައި އޭކަން ލަވަ ހުށައަޅައިދޭ މަންޒަރު ފެންނަ ވީޑިއޯތައް އިންޓަނެޓުގައި މިހާރު ދައުރުވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ އޭނާގެ ހުށައެޅުމަށް ތައުރީފް ކުރަމުންނެވެ.

އޭކަން އޭނާގެ މަޝްހޫރު ލަވަތައް ހުށައަޅައިދޭއިރު ކައިވެންޏަށް އެއްވެ ތިބި މީހުން ނަށާ މަންޒަރު ވެސް އެ ވީޑިއޯތަކުން ފެނިގެންދެ އެވެ.

ބުނެވޭ ގޮތުގައި އެ ކައިވެންޏަކީ މުމްބާއީގެ ނުފޫޒުގަދަ އާއިލާއެއްގެ ކައިވެންޏެކެވެ. އެ ކައިވެނީގައި އޭކަން ހުށައަޅައިދިނީ އާއިލާގެ ފަރާތުން އޭނާއަށް ލިބުނު ހާއްސަ ދައުވަތަކަށެވެ.

އެ ކައިވެންޏަށް ދިޔަ ބޮލީވުޑް ތަރިންގެ ތެރޭގައި ސާރާ އަލީ ޚާން، އިބްރާހިމް އަލީ ޚާން އަދި އެ ދެތަރިންގެ މަންމަ އަމްރިތާ ސިންހް ހިމެނެ އެވެ.