މައްސަލަ ބޮޑުވެފައިވާ ކެންޑްރިކް ލާމާގެ ޑިސް ޓްރެކް މިދިޔަ އާދީއްތަ ދުވަހު އޮތް ސުޕަ ބޯލްގެ ހާފްޓައިމް ޝޯގައި ހުށައަަޅައިދީފި އެވެ.

ހާފްޓައިމްގައި ބޭއްވި ކެންޑްރިކްގެ ހުށައެޅުމުގައި ރެޕް ލަވަކިޔުންތެރިޔާ ޑްރޭކްއަށް ބަހުގެ ހަމަލާތަކެއް އަމާޒު ކޮށްފައިވާ "ނޮޓް ލައިކް އަސް" ކިޔާފައި މިވަނީ އެ ލަވައާ ގުޅިގެން ގިނަ މައްސަލަތަކެއް އުފެދިފައި ވަނިކޮށެވެ.

މިދިޔަ އަހަރު ރިލީޒް ކުރި އެ ލަވައިގެ އޮރިޖިނަލްގައި ޑްރޭކްއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހެއް ކަމަށް ތުހުމަތު ކޮށްފައިވީ ނަމަވެސް ސުޕަ ބޯލްގައި ކެންޑްރިކް އެ ލަވަ ކިޔާފައިވަނީ ޅެމަށް ބަދަލު ގެނެސްގެންނެވެ.

"ދެން މި ކިޔައިދެނީ ތި އެންމެންގެ ވެސް ފޭވަރިޓް. އެކަމަކު އަސްލެއް ނޫން، ދައުވާ އުފުލަން މީހުން ވަރަށް ލޯބިކުރޭ" އެ ލަވައިގެ ކުރިން ކެންޑްރިކް ބުނެފައިވެ އެވެ.

ކެންޑްރިކް އިޝާރާތް ކޮށްފައި އެވަނީ އެ ލަވައާ ގުޅިގެން އެ ލަވައިގެ ރެކޯޑް ލޭބަލް ޔުނިވާސަލް މިއުޒިކް ގްރޫޕްއާ ދެކޮޅަށް ޑްރޭކް ކުރި އަބުރުގެ ދައުވާ އަށެވެ.

ޑްރޭކް ކުރި ދައުވާގައި ބުނެފައިވަނީ އެ ސްޓޫޑިއޯއިން ނެރުނު ލަވައިގެ ސަބަބުން އޭނާގެ ނަމަށް ހުތުރު އަރާފައިވާ ކަމަށާއި އެއާއެކު އޭނާގެ އަމިއްލަ ސަލާމަތަށް ވެސް ބިރު ހީވެފައިވާ ކަމަށެވެ.

އެއް އިރެއްގައި އެކުގައި މަސައްކަތްކުރި ކެންޑްރިކްއާއި ޑްރޭކްގެ މެދުގައި ރުޅިވެރިކަން އުފެދުނީ ދާއިރާއިން ކުރިއަށްދާން އުފެދުނު ވާދަވެރިކަމުގެ ތެރެއިން ކަމަށް ހަބަރުތައް ބުނެ އެވެ.