ނ. ލަންދޫ ކައުންސިލްގެ ބައި އިލެކްޝަން ވެރިކަންކުރާ ޕީއެންސީން ކާމިޔާބު ކުރުމުން އެ ރަށު ފެނަކަ ބްރާންޗުން އާ ވަޒީފާތަކާއި ޕްރޮމޯޝަން ދީފި އެވެ.
ލަންދޫން ވާހަކަދެއްކި މީހަކު ބުނިގޮތުގައި ބައި އިލެކްޝަންގެ ކެމްޕޭންގެ ތެރޭގައި ޕީއެންސީން ވަނީ އިންތިހާބު ކާމިޔާބުވެއްޖެނަމަ ވަކި ބަޔަކަށް ވަޒީފާދޭނެ ކަމުގެ ޔަގީންކަން ދީފައި ކަމަށެވެ. އެގޮތުން ޕީއެންސީގެ ކެންޑިޑޭޓް އާތިފާ މޫސާ އިންތިހާބު ކާމިޔާބު ކުރުމުން އަލަށް ފަސް މީހަކަށް ވަޒީފާ ދީފައިވާ ކަމަށް އޭނާ ބުންޏެވެ.
"މި ފަސް މީހުންނަށް ވަޒީފާ ދޭނެ ކަމުގެ ޔަގީންކަން ޕީއެންސީން ވަނީ އިންތިހާބުގެ ކުރިން ދީފައި. މި ވަޒީފާތައް ދިނީ އިއުލާން ކުރުމެއްނެތި،" އޭނާ ބުންޏެވެ.
އަލަށް ވަޒީފާއަށް ނެގީ ދެ އެޑްމިން އޮފިސަރުންނާއި ދެ ޓެކްނީޝަނުންނާއި ސްޕަވައިޒަރެކެވެ. އެ މީހުން މިއަދު ވަނީ ވަޒީފާއަށް ނުކުންނަން ފަށާފަ އެވެ. އަދި ވަޒީފާގައި ތިބި ދެ މީހަކަށް މިއަދު ވަނީ ޕްރޮމޯޝަން ދީފަ އެވެ. އެކަކު އެސިސްޓެންޓް މެނޭޖަރަކަށް ބަދަލުކުރިއިރު އަނެކަކު ބަދަލުކުރީ ސީނިއާ ސްޕަވައިޒަރަކަށެވެ.
މީގެއިތުރުން ލަންދޫ ކައުންސިލްގެ ނައިބު ރައީސް މަންސޫރު ގެ އާއިލާގެ މީހަކަށް މީގެކުރިން ވަނީ ބޭސްފަރުވާއަށް އެންސްޕާ އިން ގިނަ އަދަދެއްގެ ފައިސާ ހަމަޖައްސައިދީފަ އެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓަކީ ވެސް އެ އާއިލާއަށް ނިސްބަތްވާ މީހެކެވެ. މަންސޫރަކީ އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވި މީހެކެވެ.
ބައި އިލެކްޝަންތައް ޕީއެންސީއަށް ކާމިޔާބު ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރަމުން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.