ވައި ނުސާފުވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ ލިންކް މެދުވެރިކޮށް ވައި ނުސާފު މިންވަރަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފަ އެވެ.

މެދުމިނަށް ވައި ނުސާފުވާ (ރީނދޫ ސަމާލުގެ) ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެ އެޖެންސީން ބުންޏެވެ. އެހެންކަމުން އެ ފަދަ ދުވަސްތަކުގައި ނާޒުކު ހާލަތްތަކުގައި ތިބި މީހުން ބޭރުގައި ނޫޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން އެޗްޕީއޭއިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން އަމަލުކުރަންވީ ގޮތުގެ އިރުޝާދު ވެސް ދީފައިވެ އެވެ.

ނޭވާލުމުގެ މައްސަލަތައް ހުންނަ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުން

ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތައް ބޭރަށް ނުކުންނަންޖެހޭ ހާލަތްތަކުގައި 'އެން96' ނުވަތަ އެފަދަ މާސްކު އެޅުން

ބޭރުގެ ވައި ނުވަންނަހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން

އެއާ ޕިއުރިފައިއާ ބޭނުންކުރުން

އޮރެންޖު ސަމާލުގެ ހާލަތުގައި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުކަން އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މީގެ ތެރެއިން ސިއްޚަތައް ނުރަނގަޅު ރަތް ސަމާލުގެ ހާލަތުގައި ސިއްޚީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ އެންމެންނަށް ވެސް ބޮޑު ކަމަށް ބުނެފައިވެ އެވެ.

އެއާ ކޮލިޓީ މިންކުރުމަށް ހަ ކުލައެއްގެ އެލާޓުތައް ބޭނުންކުރެ އެވެ. އެއީ:

• 0-50: ފެހި އެލާޓް، ހާލަތު ރަނގަޅު

• 51-100: ރީނދޫ އެލާޓް، މެދުމިނެއް

• 101-150: އޮރެންޖު އެލާޓް، ހައި ރިސްކް މީހުންނަށް ނުރައްކާތެރި

• 151-200: ރަތް އެލާޓް، ނުރައްކާތެރި

• 201-300: ވައިލެޓް އެލާޓް، ވަރަށް ނުރައްކާތެރި

• 301 އަށް ވުރެ މަތި: ދަނބު އެލާޓް، އިންތިހާއަށް ނުރައްކާތެރި

މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފުވާން ފަށާފައިވާ ކަމަށް ފަހުގެ ރިކޯޑުތަކުން ދައްކަ އެވެ.

ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓާ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މި ވަގުތު މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީގެ މިންވަރު ހުރީ 159 ގައެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި ސަރަހައްދަށް ވައި ނުސާފުވާން ފަށާފައިވާ ކަމަށް އެ ސިސްޓަމުން ދައްކަ އެވެ. އިއްޔެ މާލެ ސަރަހައްދުގެ ވައިގެ ނުސާފުކަން ހުރީ 61 ގައެވެ.