10 މަސް ވަންދެން ޖައްވުގައި ތާށިވެފައި ތިބި ނާސާގެ ދެ ސައިންސްވެރިން އެންމެ ފަހުން އަނބުރާ ދުނިޔެއަށް އަންނަން ތައްޔާރު ވެއްޖެ އެވެ.

ސުނީތާ ވިލިއަމްސްއާއި ބަޗް ވިލްމޯއަށް ދުނިޔެއަށް އާދެވޭނީ މިއަހަރުގެ ފަހުކޮޅު ކަަމަށް ބެލެވުނު ނަމަވެސް ނާސާއިން އެންމެ ފަހުން ބުނެފައިވަނީ އަންނަ މާޗު މަހު އެ ދެ ސައިންސްވެރިން ދުނިޔެއަށް ގެނެވޭނެ ކަމަށެވެ.

ސުނީތާއާއި ވިލިއަމްސް ޖައްވުގައި ތާށިވެފައި ވަނީ މިދިޔަ ޖޫން މަހު އެމީހުން ޖައްވަށް ދަތުރު ކުރި އުޅަނދުގައި މައްސަލަޖެހި އެމީހުން ނުލާ އެ އުޅަނދު ދުނިޔެއަށް ގެނައުމުންނެވެ.

އެ ދެމީހުން ޖައްވުގައި ދުވަސްތައް ހޭދަކުރާތާ 8 މަސް ދުވަސްވެފައިވާއިރު މިހާރު އޮތް ގޮތުންނަމަ އެމީހުންނަށް ދުނިޔެއަށް އާދެވޭނީ ޖައްވުގައި އިތުރު ދެ މަސް ދުވަސް ހޭދަ ކުރުމަށްފަހު އެވެ.

މައްސަލަ ޖެހުނީ ސުނީތާއާއި ބަޗް ދަތުރުކުރި ބޮއެންގްގެ އުޅަނދެއްގައި ކަމަށްވާއިރު ނާސާއިން ވަނީ އެ މީހުން ގެނެއުމަށް އުޅަނދު ތައްޔާރު ކުރަން ސްޕޭސް އެކްސްއާ ހަވާލު ކޮށްފަ އެވެ.

މިހާތަނަށް ވެސް އެ ދެ ސައިންސްވެރިން ގެނެއުން ލަސްވެފައިވަނީ އުޅަަނދު ތައްޔާރު ކުރުމުގައި ސްޕޭސް އެކްސްއަށް ކުރިމަތިވި ލަސްތަކެއްގެ ސަބަބުންނެވެ.