އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ސްކޫލްތަކުގައި އެލްކޭޖީއިން ފެށިގެން ހުރިހާ ގްރޭޑެއްގެ ދަރިވަރުން ކިޔެވުން ސްކޫލަށް ހާޒިރުކޮށްގެން ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އޭޕްރީލް 1 އިން ފެށިގެން އެލްކޭޖީއިން ފެށިގެން ހުރިހާ ގްރޭޑެއްގެ ދަރިވަރުންގެ ކިޔެވުން ކުރިއަށްދާނީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެންނެވެ.

ކޮވިޑްގެ ތިންވަނަ ރާޅާއެކު ކޭސްތަކުގެ އަދަދު އިންތިހާއަށް މައްޗަށްގޮސް، ފެބްރުއަރީ މަހުގެ މެދުތެރެއިން ފެށިގެން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންގެ ކިޔެވުން ކުރިޔަށް ގެންދަނީ އޮންލައިންކޮށެވެ. މިބަދަލާއެކު ވެސް ކޮވިޑްގެ ކޭސްތައް ދަށްވެފައެއް ނުވެ އެވެ.

މިހާތަނަށް އައިއިރު، އަދިވެސް ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 100 އިން މަތީގަ އެވެ. ނަމަވެސް، ފިޔަވަޅުތަކަށް ފިޔަވަޅުތަކަށް ލުއިދީ ގްރޭޑް 7 އިން މަތީގެ ދަރިވަރުންގެ ކިޔެވުން މިހާރު ކުރިއަށް ގެންދަނީ ސްކޫލަށް ހާޒިރުކޮށްގެންނެވެ.

ހުރިހާ ގްރޭޑެއްގެ ކުދިން ސްކޫލަށް ގެންދަން ނިންމިއިރު، ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އެޗްޕީއޭ އިން ވަނީ މިއަދުން ފެށިގެން ލުއި ދީފަ އެވެ.

އެގޮތުން މާލެ ސަރަހައްދުގައި ހަވީރު 6 ން ފެށިގެން ހެނދުނު 6 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށް އެންގި އެންގުން މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގެ ޕާކްތަކާއި މައިޒާންތައް ވެސް އަލުން ވަނީ ހުޅުވާލައިފަ އެވެ.