އައްޑޫގެ ހިތަދޫއާ ގުޅިފައިވާ ރަށްރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ އަންނަ ރަމަޟާން މަސް ފެށުމުގެ ކުރިން ހައްލުކުރެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަން (ފެނަކަ) އިން ބުނެފި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުން މުސީބާތަކަށް ވެފައިވާތާ އެތައް ދުވަހެއް ވެފައިވެ އެވެ. ނަމަވެސް އެ މައްސަލައަށް ދާއީމީ ހައްލެއް ނުލިބި ދިގުލައިގެންދާތީ އެތައް ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.

ފެނަކަ އިން މިއަދު ބުނީ އައްޑޫގެ ހިތަދޫއާ ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވާ ސްޓޭޝާންގައި ބޭނުންކުރާ ޖަނަރޭޓަރު ސެޓްތަކުގެ ތެރެއިން ތިން ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ، އެ ޖަނަރޭޓަރުތަކުގެ ސެޓް މަރާމާތު ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އެ ރަށްރަށަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ދިމާވެ، އެކި ވަގުތުތަކުގައި އެކި ސަރައްހައްދުތަކުން ކަރަންޓު ކަނޑަން ޖެހިފައިވާ ކަމަށާއި، މި މައްސަލަ ހައްލު ކުރުމަށްޓަކައި އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ބުނެ އެވެ.

މިގޮތުން، ސްޓެލްކޯއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން 1.8 މެގަވޮޓްގެ އާ ޖަނަރޭޓަރު ސެޓެއް ހޯދައި، އައްޑުއަށް ފޮނުވުމަށް ލޭންޑިން ކްރާފްޓަށް މިހާރު ލޯޑުކޮށްފައިވާ ކަމަށް ފެނަކައިން ބުނެ އެވެ.

ފެނަކައިން ބުނީ ހަލާކުވި ޖެނެރޭޓަރުތަކުގެ ތެރެއިން އެއް ޖެނެރޭޓަރު މަރާމާތުކޮށް މިހާރު ހިންގަން ފަށާފައިވާ ކަމަށެވެ. އަދި ދެވަނަ ޖަނެރޭޓަރު މަރާމާތުކޮށް މި ހަފުތާގެ ނިޔަލަށް ހިންގޭނެ ކަމަށާއި، ރާއްޖެއިން ބޭރުން ސްޕެއާ ގެނެސްގެން ތިން ވަނަ ޖަނަރޭޓަރު މަރާމާތުކޮށް، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހިންގަން ފެށޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.