ތަފާތު އެކިއެކި ކުޅިވަރުތަކާއެކު ފުވައްމުލަކުގައި މިފަހަރު ވެސް "މާހިފުން" ކުލަގަދަކޮށް ބާއްވަން ފުވައްމުލަކު ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިމަހުގެ 26، 27 ގައި ފުވައްމުލަކު ހިތްގައިމު ތުނޑި ސަރަހައްދުގައި ބާއްވާ މާހިފުން މިފަހަރު ވެސް ކުރިޔަށް ގެންދަނީ މިދިޔަ އަހަރެކޭ އެއްގޮތަށް އެކިއެކި ކުޅިވަރުތަކާއި ތަފާތު ހަރަކާތްތައް ހިމެނޭ ގޮތަށް ބޮޑު ބީޗް ފެސްޓިވަލެއް ގޮތަށެވެ.

މިފަހަރު ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ:

  • ކުޑަކުދިންގެ ކުޅިވަރު ހަވީރު
  • ކުޑަކުދިންގެ ވޯޓަސްލައިޑް
  • ބޮޑެތި މީހުންގެ ވޯޓަރސްލައިޑް
  • ބީޗް ވޮލީ
  • ވާދެމުން
  • ދިރާގު ގުޑިފެސްޓިވަލް
  • ސޭންޑް އާޓް
  • ބާބަކިއު
  • ތަފާތު ވައްތަރުގެ ކާބޯތަކެތީގެ ސްޓޯލްތައް
  • އިސް ރަށްވެހިންނަށް ޚާއްސަ ހަރަކާތްތައް

ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު "ހުރިހާ"އަށް މިއަދު ވިދާޅުވީ ބީޗް ފެސްޓިވަލެއް ގޮތަށް މާހިފުން ބާއްވަން ނިންމީ ރަށުގެ ކުދި ބޮޑު ވީހާ ވެސް ގިނަ މީހުން ޖަމާވެ، ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

"މިކަން ސިޓީ ކައުންސިލުން އިންތިޒާމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އިޖްތިމާ ގުޅުން ބަދަހިކުރުމާއި ރަށުގައި ޒަމާނުއްސުރެ ފާހަގަކުރަމުން އަންނަ މާހިފުން ބޭއްވުމުގެ ސަގާފަތް ދިރުވައި އަލާކުރުމަށް. މީގެ އިތުރުން މި ހަރަކާތުގައި ރަށުން ބޭރުގެ މީހުންނަށް ވެސް އައިސް ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް،" އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ ބީޗް ފެސްޓިވަލެއްގެ ގޮތުގައި މާހިފުން ފުރަތަމަ ބޭއްވީ މިދިޔަ އަހަރު ކަމަށެވެ. އަދި އެ ހަރަކާތަށް އެ ރަށުގެ ކުދި ބޮޑު ވަރަށް ގިނަ އަދަދެއްގެ މީހުންގެ ތަރުހީބު ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"މާހެފުމަކީ މިރަށުގައި ޒަމާނުއްސުރެ ފާހަގަކުރަމުން އަންނަ ކަމެއް. އަޅުގަނޑުމެން މިދިޔަ އަހަރު މި ހަރަކާތް ތުނޑީގައި ބޭއްވީ އެކިއެކި ކުޅިވަރުތަކާއެކު މަޖާ އައިލީ ހަވީރެއް ގޮތަށް،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަހަރުގެ މާހިފުން ހަރަކާތް ވެސް ވަރަށް ފޯރިގަދަވާނެ ކަމަށެވެ.

ފުވައްމުލަކުގައި އާދަކާއެއްގެ ގޮތުގައި ރޯދަމަސް ފެށުމުގެ ކުރިން ބާއްވާ މާހިފުމުގައި މީގެ ކުރިން މައިގަނޑުގޮތެއްގައި އޮންނަނީ އެކިއެކި މޫދު ކުޅިވަރުތަކެވެ.